މާލޭގެ މަސްލަޙަތު ނަގައިލުމަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން މި ރޯދަމަހު ހިންގަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ދެއްކި ވާހަކަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އީސީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ސިޔާސީ ޙަރަކާތްތައް ހިންގުމުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގާނޫނާ ޚިލާފަށް، ކުޑަކުދިންގެ ޙައްޤުތައް ގެއްލޭ ގޮތަށް ސާބިތު ނުހިފޭ ވާހަކަ ދެއްކުމާއި އެ ކުދިންގެ ކަރާމާތާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ފަދަ ވާހަކަތައް ދެއްކުމަކީ އެއްވެސް ޙާލެއްގައި ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ކުޑަކުދިންގެ ޤާނޫނާއި އަދި ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތައް މުގުރާލައި، ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަނެ ވާހަކަ ދެއްކީ އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) އެވެ. އޭނާ ވަނީ ރައީސް ޑރ. މުޢިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް މުޒާހަރާގައި ވާހަކަތައް ދައްކާފައެވެ. އެ ވާހަކަތައް ސޯޝަލް މީޑިއާގައި ވެސް ވަނީ ޢާންމުވެފައެވެ.
މަންދީ އަކީ މީގެ ކުރިން އެމްޑީޕީގެ އޮފީސްތެރޭގައި އެ ޕާޓީގެ އެކްޓިވިސްޓަކާއި ދިމާލަށް ބޭއަދަބީކޮށް ވާހަކަ ދައްކައިގެން ހިނގި މާރާމާރީއެއްގައި އަނިޔާވެފައިވާ މީހެއްކަން ވެސް ފާހަގަ ކުރެވެއެވެ. މުޒާހަރާގައި އޭނާ ދެއްކި ވާހަކަތައް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިންވެސް ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.
އީސީން ބުނީ، ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ އެންމެހާ ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދާއިރު، ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާއި ޚިލާފަށް، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފުރަތު އުފެއްދުމާއި ޒާތީ ދިރިއުޅުމުގެ ކަންކަމަށް ފާޑުކިޔުމާއި ޙަޤީޤަތާއި ޚިލާފަށް ސާބިތު ނުހިފޭ ވާހަކަތައް ދެއްކުމަކީ ވަރަށް ބޮޑު ކުށެއް ކަމަށެވެ.
އެމްޑީޕީން މި ދުވަސްވަރު ހިންގަމުންދާ ސިޔާސީ ޙަރަކާތްތައް ހިންގުމުގައި ވެސް އެއްވެ އުޅުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޢަމަލުކުރުމަށް އީސީން ވަރަށް ބޮޑަށް އިލްތިމާސްކޮށްފައިވެއެވެ. އަދި މިފަދަ ޢަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށްވެސް އީސީން ބުނެފައިވެއެވެ.