އިއްޔެ ޕާކިސްތާނުގެ ހުޅަނގު ދެކުނު ބަލޫޗިސްތާން ޕްރޮވިންސްގައި ބަލޫޗް ލިބަރޭޝަން އާމީ (ބީއެލްއޭ) ގެ ހަނގުރާމަވެރިން ހައިޖެކްކުރި ރޭލުގައި ތިބި ޕަސެންޖަރުން ރަހީނުކޮށް ޙަމަލާދީ ގިނަ ބަޔަކު މަރާލައިފިއެވެ.
ފަސިންޖަރުންނާއި ސަލާމަތީ ފަރާތްތަކާއި ހަނގުރާމަވެރިން ހިމެނޭހެން މަރުވި ޖުމްލަ ޢަދަދު ވަނީ 66 އަށް އަރާފައެވެ.
ހަނގުރާމަވެރިން ޖައްފާރު އެކްސްޕްރެސް ހައިޖެކްކޮށް، ގާތްގަނޑަކަށް 400 ފަސިންޖަރުންނާއެކު، އެމީހުން ރަހީނުކުރުމުންނެވެ. ރަހީނުކުރި މީހުން ސަލާމަތް ކުރުމަށް ޕާކިސްތާނު އަސްކަރިއްޔާއިން މަސައްކަތް ކޮށްފި ނަމަ ހުރިހާ އެންމެން މަރާލާމެ ކަމަށް ބީއެލްއޭ ހަނގުރާމަވެރިން ވަނީ ކުރިން އިންޒާރު ދީފައެވެ.
އެހެންނަމަވެސް މީހުން ސަލާމަތް ކުރުމަށް ޕާކިސްތާނު އަސްކަރިއްޔާއިން ދިޔައީ މަސައްކަތް ކުރަމުންނެވެ.
ފުރަތަމަ ހައިޖެކް ކުރުމާއި އޭގެ ފަހުން ހިނގި ހަމަނުޖެހުންތަކުގައި ހަނގުރާމަވެރިންގެ އަތްދަށުން ޕާކިސްތާނުގެ އަސްކަރިއްޔާގެ 30 މީހުން ޝަހީދުވިއެވެ.
ރޭލުގެ އެތެރޭގައި ތިބި ފަސިންޖަރުންގެ ގަޔަށް ބަޑިޖަހައި 20 ފަސިންޖަރުން ހަނގުރާމަވެރިން ވަނީ ޝަހީދުކޮށްލާފައެވެ.
ޕާކިސްތާނު ސަލާމަތީ ބާރުތަކުން ހިންގި ރެސްކިއު އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމައިލިއިރު އެމީހުން ސަލާމަތްކުރަން ކުރި މަސައްކަތުގައި ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ވަނީ 16 ހަނގުރާމަވެރިން މަރާލައިފައެވެ. ހަނގުރާމަވެރިންގެތެރެއިން ބައެއް މީހުން ވަނީ ފަރުބަދަތަކުގެ ތެރެއަށް ވަދެ ފިލާފައި ކަމަށް ޚަބަރުތައް ބުނެއެވެ.









