ރެޖިސްޓްރަރ އޮފް ކޮމްޕެނީސްގެ މަޤާމަށް އަލްއުސްތާޛާ މަރްޔަމް ޝަމްޢާ އިސްމާޢީލް އައްޔަންކޮށްފިއެވެ. މި މަޤާމަށް ޝަމްޢާ އައްޔަންކޮށްފައިވަނީ، ކުރިން އެ މަޤާމުގައި ހުންނެވި މަރިޔަމް ވިސާމް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
އަލްއުސްތާޛާ މަރްޔަމް ޝަމްޢާ އިސްމާޢީލްއަކީ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް ބްރިސްޓްލްއިން ބެޗްލަރ އޮފް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޝަމްޢާ ވަނީ 2021 ވަނަ އަހަރުން ފެށިގެން ކޮންސިއުމަރ އޮމްބަޑްސްމަންގެ މަޤާމު އަދާކުރައްވާފައެވެ.
މީގެ ކުރިން ޝަމްޢާ ހުންނެވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލީގަލް ކޮންސަލްޓަންޓުގެ މަޤާމުގައެވެ. އަދި އޭނާގެ ކެރިއަރުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ ލީގަލް އެންޑް ޕޮލިސީގެ ޑިރެކްޓަރުގެ މަޤާމާއި ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަޤާމު ވެސް އަދާކުރައްވާފައި ވެއެވެ.
ރެޖިސްޓްރަރ އޮފް ކޮމްޕެނީސްގެ މަޤާމަކީ ޤާނޫނީ ގޮތުން ގިނަ ބާރުތަކެއް ލިބިފައިވާ މަޤާމެކެވެ. މި މަޤާމުގައި ހުންނަ ފަރާތަށް ކުންފުނިތައް ޤާނޫނާއި އެއްގޮތަށް ހިންގާތޯ ބެލުމާއި، ކުންފުނިތަކުން ދައްކަންޖެހޭ ފީ ތައް ނުދައްކާނަމަ އެ ކުންފުނިތަކުގެ ހިންގުން ހުއްޓުވުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. މީގެ އިތުރުން ކުންފުނިތަކުގެ ނަންތައް ފާސްކުރުމާއި ކުންފުނިތައް އުވާލުމުގެ ބާރު ވެސް ރެޖިސްޓްރާއަށް ލިބިގެންވެއެވެ.









