މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް 3.6 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
މި ފައިސާ ދޫކޮށްފައިވަނީ މި މަހުގެ 6 ވަނަ ދުވަހު މިފްކޯގެ ސެންޓަރުތަކަށް ކިރުވި މަހަށެވެ.
މިފްކޯއިން މައުލޫމާތުދިން ގޮތުގައި މި ފައިސާ ޖަމާކޮށްފައިވަނީ މިއަދު ހެނދުނު 10:30 އާއި 12:30 އާ ދެމެދުގައެވެ. އަދި އެހެން ބޭންކް ޓްރާންސްފަރތައް ޖެހިގެން އަންނަ ބޭންކިންގ ޚިދުމަތް ހުޅުވޭ ދުވަހު ކްލިއަރ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 6 ވަނަ ދުވަހު 43 ދޯންޏަކުން މަސް ކިރުވާފައިވެއެވެ. އެ ދޯނިތަކަށް ޖުމްލަ 3،665،327 ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯއިން ހާމަކޮށްފައިވެއެވެ.
މިފްކޯއިން އަންނަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މިފްކޯއަށް ކިރުވާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަމުންނެވެ.
މި ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިފްކޯއިން ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. މިހާރު ވަނީ ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫއިން އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ފަށާފައެވެ.
މީގެ އިތުރުން، މިފްކޯއިން މަސްވެރިންނަށް ކްރެޑިޓަށް ވެސް ތެޔޮ ވިއްކާ ކަމަށާއި، އެ ފައިސާ މިފްކޯއަށް ކިރުވާ މަހަށްވާ ފައިސާގެ ތެރެއިން ކަނޑަމުންދާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.









