އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2026 ވަނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ޚާއްސަ ޓާސްކްފޯހެއް އުފައްދަވައިފިއެވެ.
"ވައިޓް ހައުސް ވޯލްޑް ކަޕް ޓާސްކްފޯސް" ގެ ނަމުގައި މި ޓާސްކްފޯސް އުފައްދަވާފައިވަނީ ވައިޓް ހައުސްގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ރައީސް ޓްރަމްޕް ވަނީ އިންފަންޓީނޯގެ ހާޒިރުގައި ޓާސްކްފޯސް އުފެއްދުމުގެ އެގްޒެކެޓިވް އޯޑަރުގައި ސޮއިކުރައްވާފައެވެ.
ރައީސް ޓްރަމްޕް ޗެއަރ ކުރައްވާ މި ޓާސްކްފޯހުން ކުރިއަށް އޮތް ވޯލްޑް ކަޕްގެ ކަންކަން ފުރިހަމަ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކެއް ކުރައްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ 1994 ވަނަ އަހަރަށްފަހު އެމެރިކާގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕެވެ. މި މުބާރާތުގައި ކުރީގެ މުބާރާތްތަކާއި ޚިލާފަށް 48 ޓީމު ވާދަކުރާނެއެވެ. މުބާރާތް ކުރިއަށްދާނީ 2026 ވަނަ އަހަރުގެ ޖޫން 11 އިން ޖުލައި 19 އަށެވެ. މި މުބާރާތުގައި ޖުމްލަ 104 މެޗު ކުޅޭނެއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވީ މި މުބާރާތުގެ ސަބަބުން އެމެރިކާއަށް އެތައް މިލިއަން މީހުން ޒިޔާރަތްކުރާނެ ކަމަށާއި، މާލީ ގޮތުން 40 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިގެންދާނެ ކަމަށެވެ. އަދި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދެ ލައްކަ ވަޒީފާ އުފެދިގެންދާނެ ކަމަށާއި މިއީ ކުޅިވަރުގެ އީދެއް ކަމަށް ވިދާޅުވިއެވެ.
ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ ކެނެޑާ އާއި މެކްސިކޯއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުންތައް ހީނަރުވެފައިވީ ނަމަވެސް، މި މުބާރާތުގެ ސަބަބުން އެކަން އިތުރަށް ފޯރިގަދަވެގެންދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި އިންފަންޓީނޯ ވަނީ ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ކުރިއަށް އޮތް ފީފާ ކްލަބް ވޯލްޑް ކަޕްގެ ޓްރޮފީވެސް ރައީސް ޓްރަމްޕަށް ދައްކަވާލައްވާފައެވެ.









