ހޫޘީން ސައޫދީއަށް ހަމަލާދިނީ އިންތިޚާބުގެ ކުރިން ތެލުގެ އަގު ގަސްތުގައި ބޮޑުކުރަން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި ޔަމަނުގެ ހޫޘީ ޖަމާއަތުން ސައޫދީ އަަރަބިއްޔާގެ ތެލުގެ ވަސީލަތްތަކަށާއި އެއާޕޯޓުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކަކީ ވަރަށް ނުބައި ރޭވުމެއްގެ ދަށުން ދެމުންދާ ހަމަލާތަކެކެވެ. އަދި މި ހަމަލާތަކުގެ އަސްލު ބޭނުމަކީ އެމެރިކާގެ ރިޔާސީ އިންތިޚާބު ބޯމަތިވަމުންދާއިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ގަސްތުގައި މަތިކޮށް އެމެރިކާގެ އިގްތިސާދަށް ލޮޅުން އެރުވުން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
މި ހަމަލާތަކުގެ ފަހަތުގައި އޮތީ އީރާނުގެ ސީދާ ނުފޫޒާއި ހިތްވަރު ދިނުން ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި، އީރާނަށް ވަނީ ސަރަހައްދީ ހަމަޖެހުން ނަގާލުމަށް ފުރުސަތު ލިބިފައެވެ. އަދި ހޫޘީން އަލުން ފާޅުވެ، ބޮޑެތި ބާރުތަކަށް ގޮންޖަހަމުންދަނީ އީރާނުން ދޭ އަސްކަރީ އަދި މާލީ އެހީތެރިކަމާ ހުރެ ކަމަށް ވުމުން، މިއީ ހަމައެކަނި ސައޫދީއަށް އޮތް ނުރައްކަލެއް ނޫން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ، މެދުއިރުމަތީގެ ރައްކާތެރިކަމާއި ތެލުގެ ބާޒާރު ހަމަޖެއްސުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށާއި، ހޫޘީންގެ ހަމަލާތައް ހުއްޓުވުމަށް އެމެރިކާގެ އަސްކަރިއްޔާ ބޭނުންކުރުމާ މެދު ވަރަށް އަވަހަށް ރަސްމީ ގޮތެއް ނިންމަވާނެ ކަމަށެވެ.




