މަރަކީ އިންސާނާގެ ދުނިޔެވީ ދިރިއުޅުމުގެ ނިމުމެވެ. އެހެންނަމަވެސް، އެއީ އާޚިރަތުގެ ދިރިއުޅުމުގެ ފެށުމެވެ. މަރުވުމަށްފަހު އިންސާނާ ދާނީ ބަރުޒަޚުގެ ޢާލަމަށެވެ. މި ޢާލަމަކީ ދުނިޔެއާއި އާޚިރަތާ ދެމެދުގައިވާ މެދުތެރެއެވެ. ރަސޫލާ صلى الله عليه وسلم މަރާއި ބެހޭގޮތުން ވަރަށް ތަފްޞީލުކޮށް އަހަރުމެން ކިޔައިދެއްވާފައި ވެއެވެ. މީގެ ތެރޭގައި މައްޔިތާ ވަޅުލަން ގެންދެވޭއިރު އިވޭ އަޑުތަކާ ބެހޭގޮތުން ވެސް ބަޔާންކޮށްދެއްވާފައިވެއެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅުކުރައްވާފައިވެއެވެ: "ޖަނާޒާ އަށިގަނޑު މަތީގައި ބާއްވައިގެން މީސްތަކުން އެ ހިފައިގެން ޤަބުރުސްތާނާއި ދިމާއަށް ދަތުރުކުރަމުންދާ ގަޑީގައި، ކޮނޑުތަކުގެ މަތީގައި އުފުލަމުން ދަތުރުކުރަމުންދާ ގަޑީގައި؛ އެ ސަންދޯކުގައި އޮތް މީހާއަކީ ރަނގަޅު މީހެއް ކަމުގައިވަނީނަމަ އޭނާ ގޮވަމުންދާނޭ: 'ތިމަންނާ އަވަހަށް ގެންގޮސް ކަށްވަޅުގެ ތެރެއަށް ލާށޭ.' ސަބަބަކީ އޭނާ ދުނިޔޭގައި އުޅުނީ މާތް ﷲ އެންގެވި ގޮތަށެވެ."

وإنْ كانت غيرَ صالحةٍ قالت: يا ويلَها أينَ يذهَبونَ بها يسمَعُ صوتَها كلُّ شيءٍ إلَّا الإنسانَ

މި ޙަދީޘްފުޅުގެ މުރާދަކީ، މަފްހޫމަކީ، މާނައަކީ:

އެ ސަންދޯކުގައި އޮތް މީހަކީ ނުބައި މީހެއް ކަމުގައި ވަނީނަމަ އޭނާ ގޮވަމުންދާނޭ ތިމަންނާއަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ.

އެއަޑު އިންސާނުން ފިޔަވައި އެހެން ހުރިހާ އެއްޗަކަށް އިވޭނެއެވެ.

މި ޙަދީޘްއިން އެނގެނީ މައްޔިތާ ވަޅުލަން ގެންދެވޭއިރު އިވޭ އަޑުތަކަކީ އެ މީހެއްގެ ދުނިޔޭގެ ޢަމަލުތަކާ ގުޅިފައިވާ އަޑުތަކެއް ކަމެވެ. ޞާލިޙު މީހުންނަށް އެ ވަގުތަކީ އުފާވެރި ވަގުތެކެވެ. އެހެންނަމަވެސް، ނުބައި މީހުންނަށް އެއީ ހިތާމައިގެ ވަގުތެކެވެ.

ކަށްވަޅުގައި އަޒާބުލިބޭ ކަންތައްތައް ވަރަށް ގިނައެވެ. މީގެ ތެރޭގައި ޣީބަ ބުނުމާއި، ދޮގުހެދުމާއި، ނަމާދަށް ފަރުވާތެރިނުވުމާއި، ޒަކާތްނުދިނުމާއި، ވައްކަންކުރުމާއި، ޚިޔާނާތްތެރިވުމާއި، ޒިނޭކުރުމާއި، ރިބާކެއުމާއި، ފިތުނަފަސާދަ އުފެއްދުމާއި، މީހުން މެރުމާއި، ކުޑަ ޙަދަޘާއި ބޮޑު ޙަދަޘުން ޠާހިރުނުވެ ހުރެ ނަމާދުކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

ބަރުޒަޚުގެ ޢާލަމަކީ މިދުނިޔޭގައި އިންސާނާގެ އަޖަލު ހަމަކުރުމަށް ފަހު، އާޚިރަތުގެ ޙަޔާތާއި ދެމެދު އެބައިމީހުންގެ ހަށިތަކަށާއި ފުރާނަތަކަށް ކަނޑައެޅިފައިވާ ތަނެވެ. މަޙްޝަރު ދުވަހު އިންސާނުންގެ ހިސާބު ބެއްލެވެންދެން ތިބޭނީ ބަރުޒަޚުގެ ޢާލަމުގައެވެ. ބަރުޒަޚުގެ ޢާލަމަކީ ފަރުދާ ކުރެވިފައިވާ ޢާލަމެކެވެ. މާއްދީ ލޮލަށް ނުފެންނަ ރޫހާނީ ކަންތައްތަކެއްގެ މައްޗަށް ބިނާވެގެންވާ ޢާލަމެކެވެ.

ޤަބުރުސްތާނަށް ބަލާލުމުން ވެސް ދުނިޔޭގައި އުޅުނު އެތައް ބަޔަކު ވަޅުލެވިފައިވާތަން އެހުރީ ފެންނާށެވެ. އެބައިމީހުންގެ އާދޭހަކީ އަދި އެއްފަހަރު ދުނިޔެއަށް ފޮނުއްވުމެވެ. ފަހުން ކުރަން ހުރި ހެޔޮ ޢަމަލުތައް ކުރުމަށެވެ. އެހެންނަމަވެސް، އެސް، އެ ފުރުޞަތު އެބައިމީހުންނަކަށް ނުލިބޭނެއެވެ. މިއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އިބުރަތެކެވެ.

މައްޔިތާ ވަޅުލަން ގެންދެވޭއިރު އިވޭ އަޑުތަކަކީ އަހަރެމެންނަށް ސީދާ އިވޭ އަޑުތަކެއް ނޫނެވެ. އެހެންނަމަވެސް، އެ އަޑުތަކަކީ އަޅުގަނޑުމެންގެ ޢަމަލުތަކުގެ ނަތީޖާއެވެ. އަހަރެމެން ކޮންމެ މީހަކުވެސް ވިސްނަންޖެހޭނީ އަހަރެމެންގެ މައްޔިތާ ވަޅުލަން ގެންދެވޭއިރު އިވޭނީ ކޮން އަޑެއްތޯއެވެ. އަހަރުމެން ބޭނުންވަނީ "ތިމަންނާ އަވަހަށް ގެންގޮސް ކަށްވަޅުގެ ތެރެއަށް ލާށޭ" މި އަޑު އިވުމަށްތޯ ނުވަތަ "ތިމަންނާއަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ" މި އަޑު އިވުމަށްތޯއެވެ.

އެހެންކަމުން، އަހަރެމެންގެ ކޮންމެ މީހަކުވެސް މަރަށް ތައްޔާރުވާން ޖެހެއެވެ. ފާފަތަކުން ދުރުހެލިވެ، ހެޔޮ ޢަމަލުތައް ކުރަން ޖެހެއެވެ. އަހަރުމެންގެ ދުނިޔެވީ ޙަޔާތުގައި ކުރާ ކޮންމެ ޢަމަލަކީ އާޚިރަތުގައި އަހަރެމެންނަށް ފައިދާ ނުވަތަ ގެއްލުން ލިބޭނެ ކަމެކެވެ.

އެހެންކަމުން، މައްޔިތާ ވަޅުލަން ގެންދެވޭއިރު އިވޭ އަޑުތަކަކީ އަޅުގަނޑުމެންގެ ދުނިޔެވީ ޙަޔާތުގެ ބަދަލެވެ. އެހެންކަމުން، އަހަރުމެންގެ ކޮންމެ މީހަކު ވެސް އަބަދުވެސް ހެޔޮ ޢަމަލުތައް ކުރުމަށް މަސައްކަތްކުރަން ޖެހެއެވެ. އަދި މާތްﷲގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތްކުރަން ޖެހެއެވެ. އޭރުން އަހަރުމެން މަރުވުމުން ވަޅުލަން ގެންދެވޭއިރު އަހަރުމެންގެ ފަރާތުން ވެސް އިވޭނީ އުފާވެރި އަޑުތަކެވެ. އާމީން.