ކަނޑު މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 400 ވޭޕް އަތުލައިގަނެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކޮށްފިއެވެ.
މި ތަކެތި ހޯދާފައިވަނީ މާލޭ ކޮމާޝަލް ހާބަރަށް ގެނެވުނު ސީފްރައިޓް ޝިޕްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ، ޖެނެރަލް ކާގޯގެ ގޮތުގައި ޑިކްލެއަރ ކޮށްފައިވާ މި ޝިޕްމަންޓްގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރިކަން ފާހަގަކުރެވުމާ ގުޅިގެން އިތުރަށް ބަލައި ފާސްކުރީ ކަމަށެވެ. އެގޮތުން ވޭޕް ސްޓިކްތައް ފޮރުވާފައިވާކަން ފާހަގަކުރެވި، 400 ވޭޕް ހިމެނޭ ޕެކޭޖެއް އަތުލައިގަނެވުނު ކަމަށް އެ އިދާރާއިން ބުންޏެވެ.
އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކަކީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނުގެ ދަށުން ފާއިތުވެދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ރާއްޖެއަށް އެތެރެކުރުން މަނާ ތަކެއްޗެވެ.
ކަސްޓަމްސް އިން ބުނީ މި މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށްދާ ކަމަށާއި، މި ޝިޕްމަންޓާ ގުޅުންހުރި ފަރާތްތައް ދެނެގަތުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.