ރަށްރަށުން މާލެއަށް ދަތުރުކުރާ ލޯންޗް އަދި ފެރީތަކަށް މާލޭ ހެންވޭރު ޓާމިނަލް އަދި ހުޅުމާލެ ޓާމިނަލް ހުޅުވާލުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.
އެމްޓީސީސީން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ރަށްރަށުން މާލެއަށް ދަތުރުކުރާ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ މަޤްޞަދުގައި މި ދެ ޓާމިނަލްގެ ބަނދަރު ބޭނުންކުރުމަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ ކުންފުނީގެ އީމެއިލް މެދުވެރިކޮށް ޝައުޤުވެރިކަން ފާޅުކުރުމަށް އެމްޓީސީސީން އަންގާފައިވެއެވެ.
މި ނިންމުމަކީ މިހާރު ޖުމްހޫރީ މައިދާން ކުރިމަތީ ބަނދަރަށް ކައިރިކުރާ ލޯންޗްތަކުގެ ސަބަބުން ދިމާވާ އުނދަގޫތަކަށް ޙައްލެއް ހޯދުމަށް އަޅާ ފިޔަވަޅެއްކަމަށް ބެލެވެއެވެ. އެއްފަހަރާ ގިނަ ޢަދަދެއްގެ ލޯންޗްތައް އެ ބަނދަރަށް ކައިރިކުރުމުން އަރާފައިބާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެވެއެވެ.
އެމްޓީސީސީން ވަނީ މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް 7978865 ނަންބަރަށް ގުޅުމަށް އަންގާފައެވެ. މި ބަދަލާއެކު، މާލެއާއި އަތޮޅުތަކާ ދެމެދު ދަތުރުކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.









