މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް މުޙައްމަދު ފަޒީންގެ މައްޗަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތާއި ގުޅިގެން އޭނާ މަޤާމުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރޭ ނިންމައިފިއެވެ.
ރޭ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މި މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް ތާއީދުކުރެއްވި މި ހުށަހެޅުން ވަނީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.
މީގެ އިތުރުން، މި މައްސަލައިގައި އިތުރު ފުރުސަތެއް ދިނުމަށް އެދިފައިވާތީ، އެކަމަށް ވެސް ކޮމިޓީން ވަނީ އެއްބަސްވެފައެވެ. ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ތާއީދުކުރެއްވި މި ހުށަހެޅުން ވެސް ވަނީ އިއްތިފާގުން ފާސްވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފަޒީންގެ މައްޗަށް ތުހުމަތުކުރެވެނީ ބްރޯޑްކޮމްގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމަށެވެ. ކުރިން ރާއްޖެ ޓީވީގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަޒީން، ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަޤާމަށް އައްޔަންކޮށްފައިވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައެވެ.









