ޖުޑީޝަރީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށާއި. އަދި ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު ހިނގަމުންދަނީ ރަނގަޅަށް ކަމަށް ސަރުކާރު ހިންގާ ޕީއެންސީން ބުނެފިއެވެ.
އެޕާޓީން މިހެން ބުނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިއްޔެ މަޤާމުން އިސްތިއުފާ ދެއްވަމުން ޖުޑިޝަރީއާއި ސަރުކާރާއި ގުޅުވައި ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. ސުއޫދަކީ މިދިޔަ ހަފުތާގައި ސަސްޕެންޑްކުރެވުނު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ތެރެއިން އެކެކެވެ.
ސުއޫދުގެ އިސްތިއުފާގެ ސިޓީގައި ތުހުމަތުކުރައްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވުމާއި ގުޅޭ މައްސަލައިގައި ސުޕްރީމް ކޯޓުގެ ނިންމުމަށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށެވެ. އޭނާ ބުނެފައިވަނީ މިއީ "ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި" އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ރައީސް އެދިވަޑައިގަންނަވާ ގޮތަށް ނިންމުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.
ޕީއެންސީގެ ބަޔާނުގައި މި ތުހުމަތުތަކަށް ރައްދު ދީފައިވެއެވެ. އެ ޕާޓީން ބުނެފައިވަނީ ސުއޫދުގެ ޢަމަލުތައް ހުރީ ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައި ކަމަށެވެ. އަދި އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވީ އަސާސެއްނެތް ތުހުމަތުތަކެއް ކުރެއްވުމަށް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
ޕީއެންސީގެ ބަޔާނުގައި އިތުރަށް ބުނީ، ފަނޑިޔާރުންނާމެދު އަމަލުކުރަމުންދަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައިވާ އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ. އަދި ޖޭއެސްސީ ފަދަ މިނިވަން މުއައްސަސާތައް މުސްތަޤިއްލުކޮށް ހިންގުމުގެ ފުރުސަތު ރައީސް މުއިއްޒު ދެއްވާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
"މިނިވަން މުއައްސަސާއަކުން އަދާކުރަންޖެހޭ ޒިންމާއެއް އަދާކުރުމަކީ ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުމެއް ނޫނެވެ. އެއީ ދުސްތޫރީ ޤާނޫނީ ނިޒާމު ހިނގަންޖެހޭ ގޮތަށް ރަނގަޅަށް ހިނގަމުން ދިއުމެވެ،" ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.
ޕީއެންސީން ފާހަގަކޮށްފައިވަނީ ރައީސް މުއިއްޒު ޤާނޫނުތައް ނެގެހެއްޓުމުގައި ނަމޫނާ ދައްކަވާ ކަމަށާއި، އެކަމަށް މަރުޙަބާ ކިޔާ ކަމަށެވެ.









