ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް އެ މަޤާމުން މި މަހުގެ 1 ވަނަ ދުވަހު އިސްތިއުފާ ދެއްވައިފިއެވެ. މިދިޔަ 11 އަހަރު އެ މަޤާމު ފުރުއްވި ވިސާމް، އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރައްވަން ބޭނުންފުޅުވާތީ ކަމަށެވެ.

މާކެޓިން މެނޭޖުމަންޓުގެ ދާއިރާއިން ޑިގްރީ އަދި އިކޮނޮމިކްސްގެ ދާއިރާއިން ރާއްޖެއިން ބޭރުން މާސްޓާސް ހާސިލުކުރައްވާފައިވާ ވިސާމް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައާއި އޭގެ ފަހުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައިވެސް ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަޤާމު ފުރުއްވާފައިވެއެވެ.

މީގެ އިތުރުން، ވިސާމް ވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ބައެއް އިސް މަޤާމުތައްވެސް ކުރިން ފުރުއްވާފައެވެ.