ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ތިއްބަވާނެ މެމްބަރުން ކަނޑައަޅުއްވަނީ ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހުގައި ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ބައެއް ކޮމިޓީތަކުގައި ޕީއެންސީގެ ފަރާތުން ތިއްބަވާ މެމްބަރުން ބަދަލުކުރުމާއި ގުޅިގެން ފަލާހު ވިދާޅުވީ، ކޮމިޓީތަކުގައި ތިއްބަވާ މެމްބަރުން އެއް ކޮމިޓީން އަނެއް ކޮމިޓީއަށް ބަދަލުކުރުމަކީ ޕާލިމެންޓްރީ ގްރޫޕްތަކުގައި އަބަދުވެސް ހިނގާ ކަމެއް ކަމަށެވެ.
"ކޮމިޓީތަކުގައި ތިއްބަވާ މެމްބަރުން ބަދަލުކުރަނީ ޕީޖީ ގުރޫޕުގެ ޢަދަދާއި ކޮމިޓީތަކުގެ ޢަދަދާއި މެންބަރުން ކޮމިޓީގެ ހާޒިރީއަށް ދެއްވާ އަހްމިއްޔަތުކަމާއި ކޮމިޓީގެ މަސައްކަތަށް ދެއްވާ ސަމާލުކަން ފަދަ ކަންކަމުގެ މައްޗަށް ބިނާކޮށް," ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ، މި އުސޫލުގެ ދަށުން އެކި ކޮމިޓީތަކަށް އެކި މެންބަރުން އެކި އިރު ބަދަލު ގެނައުމަކީ 17، 18، އަދި 19 ވަނަ މަޖިލީހުގައިވެސް ޢާންމުކޮށް އެކަން ހިނގި އުސޫލެއް ކަމަށެވެ. އަދި މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގައިވެސް އެފަދަ ބަދަލުތައް ގެނެވިފައިވާ ކަމަށާއި ކުރިއަށް އޮތްތާނގައިވެސް، ކޮމިޓީތަކަށް އެ ވަގުތަކަށް ބޭނުންވާ ބަދަލުތައް ގެންނަވަމުންދާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.
މި ބަދަލުތަކަކީ މަޖިލީހުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ކޮމިޓީތަކުގެ މަސައްކަތްތައް އިތުރަށް ފުރިހަމަކުރުމަށް ގެނެވޭ ބަދަލުތަކެއް ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ.









