ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ނަމުގައި ސްކޭމެއް ހިންގަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ އާރްޓީއެލްއާ ގުޅޭ ގޮތުން ސްކޭމެއް ހިންގަމުން އަންނަނީ ފޭސްބުކް މެދުވެރިކޮށް ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން "މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ގެ ނަމުގައި ހިންގަމުން އަންނަ ފޭސްބުކް ޕޭޖަކުން "ސްމާޓް ކާޑެއް" ވިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ އާރްޓީއެލް މެދުވެރިކޮށް 3 މަސް ވަންދެން ހިލޭ ދަތުރުކުރުމަށް މަގުފަހިވާނެ ކަމަށް ބުނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ އެ ފޭސްބުކް ޕޭޖުން ހިންގަމުން އަންނަ ހަރަކާތަކީ އެމްޓީސީސީ އަދި އާރްޓީއެލްއާ އެއްވެސް ގުޅުމެއް ހުރި ހަރަކާތެއް ނޫން ކަމަށެވެ. އަދި އެ ކުންފުނީގެ ފަރާތުން އެފަދަ ކަމެއް ތަޢާރަފްކުރާނަމަ، ކުންފުނީގެ ރަސްމީ އެކައުންޓުތަކުން އެކަމެއް އިޢުލާނުކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ވަނީ އެ ކުންފުނި އަދި އާރްޓީއެލްގެ ނަމުގައި ފޮނުވާ ލިންކުތަކަށް ސަމާލުވުމަށާއި އެފަދަ ފަރާތްތަކާއެކު ފައިސާގެ މުޢާމަލާތުތައް ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ފޭސްބުކްގައި ސްކޭމް ހިންގަމުން އަންނަ ޕޭޖު ރިޕޯޓުކުރުމަށް ވެސް އެމްޓީސީސީން ވަނި އެދިފައެވެ.









