ރާއްޖެއާއި ޗައިނާ އާއި ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެ ޤައުމުން ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކުންނާއި ސިނގިރޭޓުން ޑިއުޓީ ނަގާނެ ކަމަށް އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު ސަޢީދު އިތުރަށް ވިދާޅުވެފައި ވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ސިނގިރޭޓުން ޑިއުޓީގެ އިނާޔަތްތައް ނުދޭނެ ކަމަށާއި، ޗައިނާއިން އެތެރެކުރާ ސިނގިރޭޓުން ވެސް ޑިއުޓީ ނަގާނީ ރާއްޖެއަށް އެހެން ޤައުމުތަކުން އެތެރެކުރާ ސިނގިރޭޓުން ޑިއުޓީ ނަގާ ރޭޓުން ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ކަނޑާލެވޭ އިމްޕޯޓު ޑިއުޓީތަކުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ މަދުވާނެ ކަމާ ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވެފައި ވަނީ ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ ޑިއުޓީ ބިނާވާނީ އެ ޤައުމުން ރާއްޖެއަށް އެތެކުރާ މުދަލުގެ އަގަށް ކަމަށާއި އޭގެ ސީދާ އަދަދުތަކެއް އެނގޭނީ މުއާމަލާތްތައް ހިނގާ ނިމުމުން ކަމަށެވެ.









