ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު އަޒާން މަޒްރޫޤްށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަދި ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީއިން މިއަދު ވަކިކޮށްފިއެވެ.
މި ދެ ކޮމިޓީ އިން އަޒާން ވަކިކޮށްފައިވަނީ ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގައި، ސުޕްރީޕް ކޯޓުގެ ފަޑިޔާރުން މަދުކުރުމާ ގުޅޭގޮތުން ނެގި ވޯޓުގައި ޕީއެންސީގެ ވިޕްލައިނާ ހިލާފުވެފައިވާތީ އެވެ. އެ ބިލުގެ ވޯޓަށް އަހަން ފެށުމުން އޭނާ ވަނީ މަޖިލިސް ތަޅުން ދޫކޮށްފައެވެ. މިކަމާ ގުޅިގެން އޭނާ ވަނީ ޕީއެންސީގެ މަޖިލިސް ވަޓްސްއެޕް ގްރޫޕުން ވެސް ބޭރުކޮށްފައެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އަޒާންގެ ބަދަލުގައި ހަމަޖައްސާފައިވަނީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަހްމަދު އައިފާނެވެ. އަދި 241 ކޮމިޓީއަށް ހަމަޖައްސާފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއިލެވެ. މި ދެ ކޮމެޓީގެ ބަދަލުގައި އަޒާން ވަނީ އިމްތިޔާޒް ސުލޫކް ކޮމިޓީއާއި ޕެޓިޝަން ކޮމިޓީއަށް ހަމަޖައްސާފައެވެ.






