ޤަބޫލުކުރަން ކިތަންމެ އުނދަގޫވިއަސް އުފަންވުމަށްފަހު އެހެން ހުރިހާކަމަކަށްވުރެ ތިބާއަށް ޔަޤީންކަން އެންމެ ބޮޑުކަމަކީ މަރުވުމެވެ. އަހަރަމެންގެ ޢުމުރުންފުރޭ ކޮންމެ އަހަރަކީ މަރު އަހަރަމެންނާއި ކައިރިވަމުން އަންނަކަމުގެ ޢަލާމާތެކެވެ. އިހުނައްވުރެ ގާތްވި ގާތްވުމެކެވެ. ފާއިތުވި އަހަރު އަލުން ނުލިބޭނޭކަމާއި، އަހަރަމެންގެ މައްޗަށް ކަނޑައެޅި ބަޔާންވެފައިވާ އަޖަލު ކުރުވެއްޖެކަން ދެނަހުރީ އަހަރަމެންގެ ތެރެއިން ކިތައް މީހުންބާވައެވެ!
އަހަރަމެން ބަލަބަލާތިއްބާ އަހަރަމެންނާ ނުހަނުގާތުގައި، ހިނދުކޮޅެއްކުރީން އުޅުނު، އަހަރަމެންގެ ގާތް ރަޙްމަތްތެރިއަކު، ގާތްތިމާގެ މީހަކު، އެއްބަނޑުއެއްބަފާ މީހަކު ނުވަތަ އަހަރުމެން މި ދުނިޔެއަށް އުފަންވުމަށް މެދުވެރިވި އަހަރުމެން އެބަޔެއްދެކެ ނުހަނު ލޯބިވާ މަންމަޔަކު ނުވަތަ ބައްޕަޔަކު މިދުނިޔެއާއި އަލްވަދާޢު ކިޔުމަށްފަހު އަހަރުމެންނާއި ވަކިވެގެން އާޚިރަތުގެ ގޮވައްޗާއި ދިމާއަށް ދަތުރު އެފެށީއެވެ. ކައްވަޅުގެ އަނދިރި ކަމުގެ ތެރެއަށެވެ. އަހަރުމެންގެ އަތުން އެވަޅަށް ކަޅު ހިރަފުސް ވެލިއެޅުމަށްފަހު އަތްފޮޅާލާފައި ސަހަރާއިން ނިކުމެ، އަހަރުމެން މިތިބަގެން ދަނީއެވެ.
ޤިޔާމަތާއި ޖެހެންދެން އޮންނާން ކައްވަޅު އެއީހާދަހާ ކުޑަކުޑަ ޖަގަހައެކެވެ. ހާދަހާ ގިނަދުވަހަކު އެތާނގައި އޮންނާން ޖެހެއެވެ. އެއީ ހާދަހާވާ އެކަނިވެރި މަންޒިލެކެވެ. ޢަބްދުﷲބުނު ޢުބައިދުބުނު ޢުމައިރުގެ ކިބައިން ރިވާވެގެންވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "އާދަމުގެ ދަރިޔާއާއި މުޚާޠަބުކޮށް ކައްވަޅު ގޮވާލާނެއެވެ. 'އޭ އާދަމުގެ ދަރިޔާއެވެ. އަހަރެންގެ މަތީން ކަލޭ ހަނދާންނެތުނީ ކިހިނެތް ހެއްޔެވެ؟ އަހަރެންނަކީ ކަލޭ ފަނާވެ ދިޔުމުގެ ގޮވަތިކަން ކަލެއަކަށް ނޭނގޭހެއްޔެވެ؟ އަހަރެންނަކީ ފަނިފަކުސައިގެ ގޮވައްޗެއްކަން، އެކަނިވެރިކަމުގެ ގޮވައްޗެއްކަން، އެކަހެރިކަމުގެ ގޮވައްޗެއްކަން ކަލޭ ނުދެނަހުރީމުހެއްޔެވެ؟"
ލޮބުވެތި އަޚާއެވެ! ވިސްނާށެވެ. މަރަކީ ވަރަށް ވޭންހުރި އަނިޔާލިބިގެންވާ އެއްޗެކެވެ. މަރުބައްޔަކީ ދުނިޔޭގައި އެބައްޔަކަށް ޝިފާއެއްނުވާ ހަމައެކަނި ބައްޔެވެ. ކޮންމެ މީހަކުމެ މަރުބަލީގެ ވޭން ތަޙައްމަލް ކުރަން ޖެހެއެވެ.
އަލްބަރާއު ބުނު ޢާޒިބުގެ ކިބައިން އިބުނުމާޖާ ރިވާކުރެއްވިއެވެ. "ތިމަން ބޭކަލުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއެކުގައި ޖަނާޒާއަކަށް ވަޑައިގަތީމެވެ. އިތުރު އެކަލޭގެފާނު މަހާނާގެ ކައިރީގައި އިށީނދެވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ ލޯފުޅުން ކަރުނަފޮދު އޮހޮރިގެން ދިޔައެވެ. އެކަރުނައިގެ ގިނަކަމުން ބިމުގައިވާ ހިރަފުސްތެމުނެވެ. އަދި ޙަދީޘްފުޅު ކުރެއްވިއެވެ. "އޭ ތިމަންކަލޭގެފާނުގެ އަޚުންނޭވެ! ތިޔަބައިމީހުން މިކަމަށް ޓަކައި ތައްޔާރުވުން ހުއްޓެވެ." އަދިވެސް އިބުނު މާޖާ ރިވާކުރައްވައެވެ. އިތުރު އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްފުޅު ކުރެއްވިއެވެ. "ކައްވަޅުގެ މަންޒަރަށްވުރެ ވަކީން ބިރުވެރި މަންޒަރެއް ތިމަންކަލޭގެފާނު ދެކެވަޑައި ނުގަންނަވަމެވެ."
ވިސްނާ ފިކުރު ކުރައްވާށެވެ. މަރަކީ ވަރަށް އިންސާފުވެރި އެއްޗެކެވެ. މުއްސަނދީންނާއި ފަޤީރުން ފަރަޤެއް ނުކުރެވެ. ވަކި ޖިންސަކަށް ވަކި ޢުމުރަކަށް ތަފާތު ކުރުމެއްނެތެވެ. ވަކި ޤައުމަކަށް ވަކި ކުލަޔަކަށް ނުބަލާ މަރުގެ ކުރިމަތީގައި އެންމެން ހަމަހަމައެވެ. ޤަބޫލުކުރަން ބޭނުންނުވިއަސް ކުރިއަށް އޮތް ބައިގަޑިއުރު ނުވަތަ އެއަށްވުރެވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ތިބާ މިދުނިޔެއިން އަލްވަދާޢު ކިޔަން ޖެހުމަކީ ނާދިރު ކަމެއް ނޫނެވެ. ނޭނގޭކަމަކީ މަރުއައިސް އަހަރުމެންނާއި ބައްދަލުކުރާނެ ވަގުތެވެ.
އެހެންކަމުން މަރުގެ އިމްތިޙާނުން ފާސްވުމަށްޓަކައި ހެޔޮޢަމަލު ކުޅައުންހުއްޓެވެ. އެކަމަށް އަވަސްވެ ގަތުންހުއްޓެވެ. الله سبحانه وتعالى މަރާއި ދިރިހުރުން އުފައްދަވާފައިވަނީ ވަރަށް ޙިކުމަތްތެރި ބޭނުމަކަށްޓަކައި ކަމުގައި އަންގަވާފައި ވެއެވެ. الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً (سورة الملك 2-4) މާނައީ:" އެކަލާނގެއީ ތިޔަބައިމީހުންގެ ތެރެއިން ރަނގަޅު ޢަމަލުކުރަނީ ކޮންބައެއްތޯ އިމްތިޙާނު ކުރެއްވުމަށްޓަކައި މަރާއި ދިރިހުރުން ލެއްވި ރަސްކަލާނގެއެވެ."
ލޮބުވެތި އަޚާއެވެ! ހިތާމައިގެ ކޮޅެއްވެސް ނެތެވެ! ފަރުޟު ނަމާދުތަކަށް އިހާނާތްތެރިވެ ފަރުވާ ކުޑަ ނުކުރާށެވެ. ދީނުގެ ޙުކުމްތަކާއިމެދު އަޅާނުލާ ދޫކޮށް ނުލާށެވެ. ދީނުގެ ކަންކަމަށް މަލާމާތްކޮށް ފުރައްސާރަ ނުކުރާށެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ދީން ދަސްކޮށް އެއަށް ޢަމަލު ކުރާށެވެ. ތައުބާގެ ވަގުތު އަދި ފާއިތެއް ނުވެއެވެ. އެކަމަށް އަވަސްވެގަންނާށެވެ.








