މާލޭގައި ފެންބޮޑުވުން ހައްލުކުރުމަށް ސަރުކާރުން ބޮޑެތި ފިޔަވަޅުތައް އަޅަމުންދާއިރު، މޭޔަރު އާޒިމް ދަނީ ދޮގު ވާހަކަތައް ފަތުރައި ކްރެޑިޓް ނަންގަވަން މަސައްކަތް ކުރައްވަމުން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަން ފަށައިފިއެވެ.
މާލޭގެ މަސް މާރުކޭޓުގެ މަސްކަނޑާ ސަރަޙައްދުގައި ހުރި ޖަންކްޝަނެއް ފަޅައިގެންގޮސް މުޅި ސަރަޙައްދަށް ފެން ލީކުވުމާއި ގުޅިގެން އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ފެން ކުންފުނިން މަސައްކަތް ފެށި ކަމަށާއި އަދި އެ މަސައްކަތުގައި ފެންކުންފުނީގެ މުވައްޒަފުން ޙަރަކާތްތެރިވާކަމުގެ ވީޑިއޯ ސިޓީ ކައުންސިލަށް ލިބުނު ނަމަވެސް އެ މަސައްކަތުގައި ވެސް ކްރެޑިޓް ނެންގެވުމަށް އާޒިމް މަސައްކަތް ކޮށްފައި ވެއެވެ.
މީގެ އިތުރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ޕްލޭނުގެ ތެރެއިން މާލޭގައި ފެން ބޮޑުވާ މައްސަލައަށް ހައްލެއް ހޯދައިދިނުމަށްޓަކައި އެންމެ ޒަމާނީ ފެން ޕަމްޕު ވެސް ސިޓީ ކައުންސިލަށް ގެނައުމަށް ވަނީ ނިންމާފައެވެ. ނަމަވަސް އޭރު އެ މަސައްކަތް މަޑުޖެހުނީ އެކަމަށް ކުރީގެ ސަރުކާރުން ބަޖެޓް ހަމަޖައްސައި ނުދިނުމުންނެވެ. އޭގެފަހުން، އެމަނިކުފާނު ވެރިކަމަށް އައިސް މިހާރު ވަނީ ސަރުކާރުން ފައިސާ ދީގެން، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އޯޑަރު ކޮށްގެން ގެނެސް މާލެސިޓީ ކައުންސިލާއި ޙަވާލުކޮށްފައެވެ. އެ ކައުންސިލުން ވަނީ ފެން ހިންދުމިގެ މަސައްކަތް ކުރުމަށް އެ ޕަމްޕުތައް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ޙަވާލުކޮށްފައިކަން ފާހަގަ ކުރެވެއެވެ.
މީގެ ތެރެއިންވެސް އެންމެ ހާއްސަކޮށް ފާހަގަ ކުރެވޭ ކަމަކީ ސީދާ އެމްޑަބްލިޔުއެސްސީ އިން ކުރި މަސައްކަތުގެ ކްރެޑިޓް އާޒިމް ނަންގަވަން އުޅުމުންނެވެ.
އެ މަސައްކަތް އެންމެ ފުރަތަމަ ވެސް ކުރަން އެންގީ ސިޓީ ކައުންސިލަށެވެ. ނަމަވެސް، މޭޔަރު އާދަމް އާޒިމް އަޅައެއް ނުލިއެވެ. މިގޮތަށް ވަރަށް ގިނަ މަސައްކަތްތައް މިހާރު ވެސް މާލެސިޓީ ކައުންސިލަށް ނުވެގެން، އެންމެފަހުން ވަރަށް ގިނަ ކަންތައްތަކުގައި ސަރުކާރުގެ ކުންފުނިތަކުގެ ބައިވެރިވުމާއި އެކު ކުރެއެވެ. ބައެއް މަސައްކަތް ސިޓީ ކައުންސިލަށް ނުވެގެން ސަރުކާރުގެ ކުންފުނިތަކުން ވެސް ކޮށްފައި އެބަހުއްޓެވެ.
މަސް މާރުކޭޓު ސަރަޙައްދުގެ މައްސަލަ ޙައްލުކުރީ އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންނެވެ. އެ ކުންފުނިން އެ މަސައްކަތް ކޮށްފައިވަނީ އެކަމުގެ ސަބަބުން ޢާންމު ރައްޔިތުން ރައްކާތެރިކުރުމަށް އަވަހަށް ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެންނެވެ.
މާލޭ މަސްމާރުކޭޓުގެ ޖަންކަޝަންތައް ފަޅައިގެންގޮސް މުޅި ސަރަޙައްދަށް ލީކުވާން ފެށުމުން، ޢާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން ނުކުމެ މައްސަލަ ހައްލުކުރުމުގައި ޙަރަކާތްތެރިވަނީ: މަސްމާރުކޭޓު ޖަންކްޝަނުގައި މީ އަހަރުތަކެއް ކުރިން ނުރައްކާތެރި ހާދިސާއެއް ހިނގައި ބަޔަކު މަރުވެފައިވޭ.
"މަސައްކަތް ކުރިޔަށް ގެންދިޔައީ ރައީސް ޑރ. މުޢިއްޒު އެ މައްސަލަ އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސް، އެއީ މަސްމާރުކޭޓުގެ އެތެރޭގެ މައްސަލައެއް ކަމުގައި ވިޔަސް، އެކަން ވީހާ އަވަހަކަށް ރަނގަޅުކޮށް ޢާންމު ރައްޔިތުން ރައްކާތެރި ކުރުމަށް އަވަހަށް ފިޔަވަޅު އެޅުމަށް އެންގެވީމަ". އެމްޑަބްލިޔޫއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން ޚުލާސާއިން ކުރި ސުވާލަކަށް ޖަވާބު ދެއްވާ ވިދާޅުވިއެވެ.
ސަރުކާރުން އިސްނަގައިގެން ހިންގާ މަޝްރޫއުތަކުގެ ކްރެޑިޓް ހޯދުމަށް މޭޔަރު އާޒިމް ކުރައްވާ މަސައްކަތްތަކަކީ ސިޔާސީ ފައިދާ ހޯދުމަށް އަމާޒުކޮށްގެން އޮޅުވާލުމަށް ދައްކަވަމުން ގެންދާ ވާހަކަތަކެކެވެ.