ފާއިތުވި 24 ގަޑިއިރު ތެރޭގައި ދިއްފުއްޓަށް ރެކޯޑު މިންވަރަކަށް ވާރޭ ވެހުނު ކަމަށް ޑމޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓުން ބުނީ ދިއްފުއްޓަށް 296.1 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ.
އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން މިއަދުގެ ހެނދުނު 8:00 އާ ހަމައަށް، ކ. ދިއްފުއްޓަށް ވަނީ 296.1 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. މިއީ މިހާތަނަށް ރާއްޖޭގައި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރިކޯޑުކުރެވިފައިވާ އަދަދެވެ.
މީގެ ކުރިން މި ރިކޯޑު އޮތީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ހއ. ކެލާއަށް ވެހުނު 231.5 މިލިމީޓަރުގެ ވާރޭއަށެވެ.
މި ވިއްސާރައިގައި ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހުޅުމާލެއަށެވެ. އެއީ 185.2 މިލިމީޓަރުގެ ވާރޭއެވެ. އަތޮޅުތެރޭގެ ރަށްތަކުގެ ތެރެއިން އެންމެ ގިނައިން ވާރޭ ވެހުނީ ފ. ނިލަންދޫއަށެވެ. އެރަށަށް 178.2 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
މާލެ އަތޮޅުގެ އެހެން ރަށްތަކަށް ވެސް ބޯކޮށް ވާރޭ ވެހިފައިވެއެވެ. މިގޮތުން ހުޅުލެއަށް 177.2 މިލިމީޓަރު އަދި ކ. ގާފަރަށް 124.4 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
މި ވިއްސާރައިގެ ސަބަބުން ކ. ދިއްފުއްޓަށް ވަރަށް ބޮޑަށް ފެންބޮޑުވެ، ބައެއް ގޭގެއަށް ފެން ވަދެފައިވާތީ ސަރުކާރުން ދަނީ އެކަން ގާތުން ބަލަމުން، އެހީ ބޭނުންބާ ފަރާތްތަކަށް އެހީ ފޯރުކޮށްދިމުމުގެ މަސައްކަތް ކަމާއި ގުޅުން ހުރި އިދާރާތައް މެދުވެރިކޮށް ކުރިޔަށް ގެންދަމުންނެވެ.
ދިއްފުށީ ރައްޔިތުންނާއި ކައުންސިލްގެ މުވައްޒަފުން ނުކުމެ ރޭ އެރަށު މަގުތަކުގައި ކޯރު ކޮނެ މޫދަށް ފެން ބޭރުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި ރައްޔިތުން ނުކުމެ ގެތަކަށް ފެން ވަންނާތީވެ ވެލި ބަސްތާތައް ޖަހާފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ މި ވިއްސާރައަކީ ސްރީލަންކާގެ ސަރަހައްދުގައި އުފެދިފައިވާ ސަރކިއުލޭޝަންއާއި އެއާ ގުޅިފައިވާ ޓްރަފްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ. އަދި މި ސަރކިއުލޭޝަން ރާއްޖޭގެ އުތުރަށް ޖެހެމުންދާތީ، އަންނަ އަންގާރަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.






