ގުދުރަތީ މާހައުލާ ގާތްވުމަކީ ހަމައެކަނި ނަފްސާނީ ހަމަޖެހުން ލިބޭ ކަމެއް ނޫން ކަމަށާއި، ފަސްގަނޑާއި، ގަސްގަހާގެއްސާއި، ހުއިފަހާއި އެފަދަ ގުދުރަތީ ތަކެތީގައި އަތްލުމުން ހަމުގައި ހުންނަ ބެކްޓީރިއާ ނުވަތަ މައިކްރޯބްސްގެ ތަފާތު ވައްތަރުތައް އިތުރުކޮށް، ދިފާއީ ނިޒާމަށް ބާރު ލިބިދޭ ކަމަށް ދިރާސާތަކުން ދައްކައިފިއެވެ.
ފިންލެންޑުގެ ސައިންސްވެރިން ކުރިއަށް ގެންދިޔܵަ ދިރާސާތަކުން ދައްކާގޮތުގައި، ގުދުރަތީ ވަސީލަތްތަކުގައި ކުޑަ ވަގުތުކޮޅަކަށް އަތްލުމުންވެސް، އިންސާނާގެ ހަމުގައި ދިރިއުޅޭ މައިކްރޯބްސް ނުވަތަ ކުދި ދިރުންތަކުގެ ބާވަތްތައް ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ. މިގޮތުން، އެ ދިރާސާގައި ބައިވެރިވި ފަރާތްތަކުން ވަނީ އެމީހުންގެ އަތުގައި ފަސްގަނޑާއި، ޕީޓް އަދި ހުއިފަސް އެންމެ 20 ސިކުންތަށް އުނގުޅާފައެވެ. އާދައިގެ ފެނުން އަތް ދޮވެލުމުން އަތް ސާފުވި ނަމަވެސް، ހަމުގައިވާ މައިކްރޯބްސްގެ އަދަދާއި އޭގެ ތަފާތު ވައްތަރުތައް ކުރިއަށްވުރެ ބޮޑަށް އިތުރުވެފައިވާކަން ދިރާސާވެރިން ވަނީ ފާހަގަކޮށްފައެވެ.
ކުޑަކުދިންނާ ގުޅޭގޮތުން ކުރި ދިރާސާތަކުން ދައްކާގޮތުގައި، ޖަންގަލީގެ ފަސްގަނޑާއި ގުދުރަތީ ތަކެއްޗާ ގަވާއިދުން ބައްދަލުވުމަކީ ދިގު މުއްދަތަކަށް ފައިދާކުރާނެ ކަމެކެވެ. އެގޮތުން، ގަސްގަހާގެއްސާއި ގުދުރަތީ ފަސްގަނޑު ހިމެނޭ ޑޭކެއަރ މާހައުލުތަކުގައި ކުޅެ އުޅުނު ކުދިންގެ ހަމުގައި މައިކްރޯބްސްގެ ތަފާތު ވައްތަރުތައް އިތުރުވެފައިވާއިރު، ހަށިގަނޑަށް ގެއްލުންދެނިވި ބެކްޓީރިއާގެ މިންވަރު ހުރީ ދަށުގައެވެ. މީގެއިތުރުން، އެހެން ބައެއް ދިރާސާތަކުންވެސް ހާމަވެފައިވާ ގޮތުގައި މިފަދަ ގުދުރަތީ މާހައުލުތަކާ ކުދިން ބައްދަލުވުމުން، ހަށިގަނޑުގެ ދިފާއީ ނިޒާމު ހަރަކާތްތެރިވާގޮތް ރަނގަޅުކޮށްދީ، ދިފާއީ ނިޒާމު ބައްޓަންކުރުމަށް އެހީތެރިވެދޭ މާއްދާތަކަށް ފައިދާހުރި އަވަސް ބަދަލުތަކެއް އާދެއެވެ.
ބޮޑެތި މީހުންގެ ކިބައިންވެސް މިފަދަ ކަންކަން ފާހަގަކުރެވިފައިވެއެވެ. އެގޮތުން، ދަނޑުވެރިކަންކޮށް ތަރުކާރީ ހައްދާ މީހުންނާ ގުޅޭގޮތުން ކުރެވުނު ދިރާސާއަކުން ދައްކާފައިވާ ގޮތުގައި، ތަފާތު ވައްތަރުގެ މައިކްރޯބްސް އެކުލެވޭ ފަސްގަނޑު ބޭނުންކޮށްގެން އުޅުނު މީހުންގެ ހަމުގައިވާ ބެކްޓީރިއާގެ ސިފަތަކާއި ތަފާތުކަން ވަރަށް ބޮޑަށް އިތުރުވެ، ހަށިގަނޑުގައި ދުޅަވުމާ ދެކޮޅަށް މަސައްކަތްކުރާ ދިފާއީ މާއްދާތައް މަތިވެފައިވެއެވެ.
މިފަދަ ކަންކަމުގެ ސަބަބުން އެލާޖީ، އެސްތުމާ ނުވަތަ އެކްޒިމާ ފަދަ ބަލިތަކުން ސީދާ ދިފާއުކޮށްދޭކަން ފުރިހަމައަށް ކަށަވަރުކުރުމަށް އިތުރު ދިރާސާތައް ބޭނުންވި ނަމަވެސް، ގުދުރަތީ މާހައުލާ ގާތްވެގެން އުޅުމަކީ އިންސާނާގެ ސިއްހަތަށް ނުހަނު ފައިދާހުރި، އަދި އެއްވެސް ނުރައްކަލެއް ނެތް ކަމެއް ކަމަށް ސައިންސްވެރިން އެއްބަސްވެއެވެ.









