ސައޫދީ އަރަބިއްޔާގެ މަދީނާ ސަރަހައްދުން ޔުރޭނިއަމާއި އަގުބޮޑު 'ރެއާ އަރތު' ނުވަތަ ލިބުންދަތި މައުދަންތައް އެކުލެވޭ 110 މިލިޔަން ޓަނުގެ ރޯ މެޓީރިއަލް ފެނިފައިވާކަން އެ ގައުމުގެ ހަކަތައާ ބެހޭ ވަޒީރު އަމީރު އަބްދުލްއަޒީޒް ބިން ސަލްމާން ހާމަކުރައްވައިފިއެވެ.
ސައުދީގެ ހަކަތައާ ބެހޭ ވަޒީރު އަމީރު މިކަން އިޢުލާނު ކުރެއްވީ އޮސްޓްރިއާގެ ވިއެނާގައި ކުރިއަށްދިޔަ އެޓޮމިކް ހަަކަތައާބެހޭ ބައިނަލްއަގުވާމީ އިދާރާގެ (އައިއޭއީއޭ) 70 ވަނަ އާންމު ޖަލްސާގައެވެ. މަދީނާގެ ޖަބަލް ސާޔިދުގައި ކުރިއަށް ގެންދިޔަ ދިރާސާތަކުން ދައްކާ ގޮތުގައި، މި ސަރަހައްދުގައި ގިނަ އަދަދެއްގެ ބަރު ރެއާ އަރތު މައުދަންތަކާއި ޔުރޭނިއަމް އެކުލެވިގެންވެއެވެ.
މި އައު ހޯދުން ހާމަކުރެވުނީ މަދަނީ ނިއުކްލިޔަރ ހަކަތައިގެ އެއްބަސްވުމެއްގައި ސަޢޫދީ ޢަރަބިއްޔާއާއި އެމެރިކާއިން ޖުލައި 22 ގައި ސޮއިކުރިތާ މަސްތަކެއް ފަހުންނެވެ. ވަޒީރު އަބްދުލްއަޒީޒް ވިދާޅުވި ގޮތުގައި މި މަސައްކަތްތަކަށް އިތުރު ބާރެއް ލިބުނީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން 2025 ގެ ނޮވެމްބަރުގައި އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް ފަހުގައެވެ. އެ ދަތުރުފުޅުގައި ގާއިމުކުރި އެއްބަސްވުމުގެ ދަށުން، ސައޫދީ ޢަރަބިއްޔާގައި ހަދާ އައު ރެއާ އަރތު ޕްލާންޓުގެ 49 އިންސައްތަ ހަރަދު އެމެރިކާގެ ދިފާއީ ވުޒާރާއިން ދޭނެއެވެ. އަދި މި ޕްލާންޓުގެ 51 އިންސައްތަ ހިއްސާ އޮންނާނީ ސައޫދީ އަރަބިއްޔާގެ މައިންކުރުމާ ބެހޭ ދައުލަތުގެ ކުންފުނި ކަމުގައިވާ މައާދިން ކުންފުންޏަށެވެ.
ޖިއްދާގެ އިރުއުތުރުން 350 ކިލޯމީޓަރު ދުރުގައި އޮންނަ ޖަބަލް ސާޔިދަކީ، ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު މިފަދަ ޑިޕޮސިޓް ކަމުގައި ދިރާސާއަކުން ދައްކައެވެ. އެ ތަނުގައި 552،000 ޓަނުގެ ބަރު ރެއާ އަރތާއި، 355،000 ޓަނުގެ ލުއި ރެއާ އަރތުގެ އިތުރުން 31،000 ޓަނުގެ ޔުރޭނިއަމް ހުރި ކަމަށް ލަފާކުރެވޭއިރު، މިއީ ސައޫދީ އަރަބިއްޔާގެ އަމިއްލަ ނިއުކްލިޔަރ ފިއުލް ސައިކަލް ތަރައްގީކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް ދާރިސުން ފާހަގަކުރެއެވެ.
ސައޫދީ ޕްރެސް އޭޖެންސީން ހާމަކުރި ގޮތުގައި، ސައޫދީ އަރަބިއްޔާގެ މިފަދަ ހޯދުންތަކުގެ އަގު 2025 ގެ ނޮވެމްބަރާ ހަމައަށް 100 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 90 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން، ދިރާސާތަކުގެ ކުރިއަރާފައިވާ މަރުހަލާގައިވާ ދެ ސަރަހައްދަކުން 644 މިލިޔަން ޓަނުގެ ވަސީލަތް ފެނިފައިވާ ކަމުގައި ސައޫދީ އަރަބިއްޔާގެ ޖިއޮލޮޖިކަލް ސާވޭގެ ރިޕޯޓުތަކުން ބުނެއެވެ.








