ހަމަޖެހޭ ދިރިއުޅުމަކަށް ރޭގަނޑުގެ ނިދި މުހިންމު!

މަރްޔަމް މާޙީ | 12 ގަޑިއިރު ކުރިން - 24 ފެބްރުއަރީ 2026 15:19
ހަމަޖެހޭ ދިރިއުޅުމަކަށް ރޭގަނޑުގެ ނިދި މުހިންމު---
ހަމަޖެހޭ ދިރިއުޅުމަކަށް ރޭގަނޑުގެ ނިދި މުހިންމު---
ޚުލާސާ

އަހަރެމެންގެ ހަށިގަނޑު މަސައްކަތް ކުރަނީ ދުވާލާއި ރޭގަނޑުގެ ބަދަލުވުންތަކާ ގުޅިފައިވާ "ސާކޭޑިއަން ރިދަމް" (circadian rhythm) ނަމަކަށް ކިޔާ ގުދުރަތީ ގަޑިއެއްގެ އެހީގައި.

ބަވަނަވެފައިމިވާ ދުނިޔޭގައި، މަސައްކަތާއި، ކިޔެވުމާއި، ސޯޝަލް މީޑިއާ ނުވަތަ މުނިފޫހިފިލުވުމަށްޓަކައި ރޭގަނޑު މާލަސްވަންދެން ހޭލާ ހުރުމަކީ އާންމު ކަމަކަށް ވަނީ ވެފައެވެ. ނަމަވެސް، ގިނަ ބަޔަކަށް ގަބޫލުނުކުރެވޭ ހަގީގަތަކީ ރޭގަނޑު ނިދުމަކީ ހަމައެކަނި އަރާމުކޮށްލުމެއް ނޫން ކަމެވެ. އެއީ އިންސާނާގެ ޖިސްމާނީ ދުޅަހެޔޮކަމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ އިތުރުން މުޅި ދިރިއުޅުމުގެ ފެންވަރާ ސީދާ ގުޅިފައިވާ، ހަށިގަނޑުގެ ބަޔޮލޮޖިކަލް ނިޒާމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

އަހަރެމެންގެ ހަށިގަނޑު މަސައްކަތް ކުރަނީ ދުވާލާއި ރޭގަނޑުގެ ބަދަލުވުންތަކާ ގުޅިފައިވާ "ސާކޭޑިއަން ރިދަމް" (circadian rhythm) ނަމަކަށް ކިޔާ ގުދުރަތީ ގަޑިއެއްގެ އެހީގައެވެ. މި ނިޒާމު ފަރުމާކުރެވިފައިވަނީ ދުވާލުގެ ވަގުތުތަކުގައި ހަށިގަނޑު ހަރަކާތްތެރިކޮށް ބެހެއްޓުމަށާއި، އަނދިރިވުމުން ނިދި އައުމަށެވެ. ރޭގަނޑު ނިދުމުން ހަށިގަނޑުގެ މި ގުދުރަތީ ބުރު ފުރިހަމަވެ، ދުވާލު ނިދުމުން ލިބިނުދޭ ފަދަ މުހިންމު މަރާމާތުތައް ހަށިގަނޑުގެ ތެރޭގައި ހިނގައެވެ.

ޖިސްމާނީ ދުޅަހެޔޮކަމަށް ކުރާ ފައިދާ:

ރޭގަނޑުގެ ނިދީގެ ސަބަބުން މަސްތައް މަރާމާތުވުމަށާއި، ހަށިގަނޑުގެ ސެލްތައް އާލާވުމަށާއި، ހޯމޯންތައް ހަމަހަމަކޮށް ބެހެއްޓުމަށް އެހީތެރިވެދެއެވެ. ފުން ނިދީގައި އޮންނަ ވަގުތު، ހަށިގަނޑުން "ގްރޯތް ހޯމޯން" (growth hormones) ދޫކުރެއެވެ. މިއީ ހަށިގަނޑު ބޮޑުވުމަށާއި ފަސޭހައިން ބަލިތަކުން ފަސޭހަވުމަށް އެހީވެދޭ މާއްދާއެކެވެ. މީގެ އިތުރުން، މެޓަބޮލިޒަމް ހަމައަކަށް އަޅުވައިދީ، ބަރުދަން އިތުރުވުމާއި، ހިތުގެ ބަލިތަކުން ދުރުކޮށްދީ، ބަލިތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު (އިމިއުނިޓީ) ވަރުގަދަކޮށްދެއެވެ. ގަވާއިދުން ރޭގަނޑު ނިދުމަކީ ހިތުގެ ދުޅަހެޔޮކަމާއި ދުވާލުގެ ވަގުތުތަކުގައި ހަށިގަނޑުގެ ހަކަތަ އިތުރުކޮށްދޭ ކަމެކެވެ.

ނަފްސާނީ އަދި ޖަޒުބާތީ ދުޅަހެޔޮކަން:

ރޭގަނޑުގެ ރަނގަޅު ނިދީގެ ސަބަބުން ހަނދާން ގަދަވުމާއި، ކަންކަމަށް ސަމާލުކަން ދިނުމުގެ ގާބިލިއްޔަތު އިތުރުވެ، ނިންމުންތައް ނިންމުމަށް ފަސޭހަވެގެންދެއެވެ. މިއީ މުޅި ދުވަހު ސިކުނޑިއަށް ލިބުނު މައުލޫމާތުތައް ތަރުތީބުކޮށް، ކުރިއަށް އޮތް ދުވަހަށް ތައްޔާރުވުމަށް ސިކުނޑިއަށް ލިބޭ ވަގުތެކެވެ. ރޭގަނޑު ހަމަނިދި ނުލިބޭނަމަ، މީހާގެ މިޒާޖު ގޯސްވުމާއި، އަވަހަށް ރުޅިއައުމާއި، ހާސްވުމުގެ އިތުރުން ދާއިމީ ނަފްސާނީ ބަލިތަކެއް ކަމަށްވާ ޑިޕްރެޝަން ފަދަ ކަންކަމަށް މަގުފަހިވެދެއެވެ.

ހޯމޯންތަކުގެ މިންވަރު ހަމަހިފެހެއްޓުން:

ރޭގަނޑު ނިދުމަކީ މެލަޓޮނިން (melatonin) އަދި ކޯޓިސޯލް (cortisol) ފަދަ މުހިންމު ހޯމޯންތައް ކޮންޓްރޯލް ކުރުމަށް އެހީވެދޭ ކަމެކެވެ. "ނިދި އަންނަ ހޯމޯން" ގެ ގޮތުގައި މަޝްހޫރުވެފައިވާ މެލަޓޮނިން އުފެދެނީ އަނދިރީގައެވެ. މިއީ ހަށިގަނޑަށް އަރާމުކުރަންވީ ވަގުތު ޖެހިއްޖެކަން އަންގައިދޭ މާއްދާއެވެ. ރޭގަނޑުގެ ނިދި މަދުވުމުން މި ހަމަހިފެހެއްޓުން ގެއްލި، ކެއުމަށް އޮންނަ ޝައުގުވެރިކަމަށާއި، ސްޓްރެސް ލެވެލްއަށް އަދި ހަމުގެ ދުޅަހެޔޮކަމަށް ވެސް ނޭދެވޭ އަސަރު ކުރެއެވެ.

މަސައްކަތުގެ ހުނަރާއި ދުވަހުގެ ފެންވަރު:

ރަނގަޅަށް ނިދާފައި ހުންނަ މީހެއްގެ ކަންކަމަށް ދޭ ސަމާލުކަން އިތުރުވެ، މަސައްކަތުގެ ދުވެލި ހަލުވިވެ، އުފެއްދުންތެރިކަން އިތުރުވެއެވެ. ކިޔަވާ ކުދިންގެ ކިޔެވުމުގެ ފެންވަރާއި، އޮފީސްތަކުގައި ކުރާ މަސައްކަތުގެ ފެންވަރު ރަނގަޅުވުމުގައި ރޭގަނޑުގެ ނިދި މުހިންމު ދައުރެއް އަދާކުރެއެވެ.

ނިދުމަކީ ހަމައެކަނި ލިބޭ ހުސްވަގުތެއްގައި ކޮށްލާ ކަމެއް ނޫނެވެ. އެއީ ދިރިހުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. ނިދުމަށް ވަކި ވަގުތެއް ކަނޑައެޅުމާއި، ނިދުމުގެ ކުރިން ފޯނާއި ޓީވީ ފަދަ ތަކެއްޗާ ދުރުވުމާއި، ހަމަހިމޭން މާހައުލެއްގައި ނިދުމަކީ ނިދީގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމެވެ. ދިގު މުއްދަތަކަށް ބަލާއިރު، ރޭގަނޑު ގަވާއިދުން ނިދުމުގެ އާދައަކީ ވަރުގަދަ ހަށިގަނޑަކާއި، ތޫނުފިލި ސިކުނޑިއެއް އަދި ހަމަޖެހޭ ދިރިއުޅުމެއް ލިބިދޭނެ ކަމެކެވެ.


Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%