ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަކީ އުމުރު ދިގުކުރުމަށް އެހީތެރިވެދޭ ކަމެއްކަން އެނގިފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ. ނަމަވެސް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިންސާނާގެ ސިކުނޑި މުސްކުޅިވުން ލަސްކޮށް، އުމުރުން ދުވަސްވުމުން ސިކުނޑިއަށް އަންނަ ބަދަލުތައް ދެނެގަނެވިދާނެތޯ މިހާރު ސައިންސްވެރިން ދަނީ ބަލަމުންނެވެ.
އެމެރިކާގެ ކެލިފޯނިއާގެ ލޮމާ ލިންޑާ އަކީ ދުނިޔޭގައި މީހުން ގިނަ ދުވަހު ދުޅަހެޔޮކަންމަތީ ދިރިއުޅޭ ސަރަހައްދުތަކުގެ ތެރެއިން އެއް ތަނެވެ. މި ސަހަރުގެ ރައްޔިތުންނަކީ ދުންފަތާއި އަދި ސިއްހަތަށް ގެއްލުންހުރި ބުއިންތަކާ ދުރު، ތަރުކާރީ އާއި މޭވާ ގިނައިން ބޭނުންކުރާ، އަދި އިޖުތިމާއީ ގުޅުންތަކަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ބައެކެވެ. ލޮމާ ލިންޑާ ޔުނިވަސިޓީގެ ޑރ. ގޭރީ ފްރޭޒާ ވިދާޅުވާ ގޮތުގައި، މިފަދަ ދުޅަހެޔޮ އާދަތަކުގެ ސަބަބުން އަންހެނުންގެ ދުޅަހެޔޮ އުމުރު 4-5 އަހަރަށް އަދި ފިރިހެނުންގެ ދުޅަހެޔޮ އުމުރު 7 އަހަރަށް އިތުރުވެގެންދެ އެވެ. މީގެ މައިގަނޑު ސިއްރަކީ ކަސްރަތާއި، ފައިދާހުރި ކާނާގެ އިތުރުން މީހުންނާ އޮންނަ އިޖުތިމާއީ ގުޅުމެވެ. އިޖުތިމާއީ ގުޅުން ކެނޑުމަކީ ސިކުނޑި އަވަހަށް ހަލާކުވެ މުސްކުޅިވާ ސަބަބެކެވެ.
ނަމަވެސް މިހާރު ސައިންސްގެ އެހީގައި އަންނަނީ މީހެއްގެ ސިކުނޑި އާދަޔާ ހިލާފަށް އަވަހަށް މުސްކުޅިވަމުންދޭތޯ ދުރާލާ ބަލައި، ޑިމެންޝިއާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. ޔުނިވަސިޓީ އޮފް ސަދަން ކެލިފޯނިއާގެ ޕްރޮފެސަރު އަންދްރޭ އިރީމިއާ ވަނީ 15،000 ސިކުނޑީގެ އެމްއާރުއައި ސްކޭން އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ސިކުނޑި މުސްކުޅިވާ މިންވަރު ދެނެގަންނަ ކޮމްޕިއުޓާ މޮޑެލްތަކެއް އުފައްދަވާފަ އެވެ. މި ޓެކްނޮލޮޖީގެ ސަބަބުން އިންސާނުންގެ ލޮލަށް ފާހަގަނުވާ ކަންކަން ދެނެގަނެ، އެމީހެއްގެ އަސްލު އުމުރާ އަޅާބަލާއިރު ސިކުނޑީގެ ބަޔޮލޮޖިކަލް އުމުރު ދެނެގަނެވެ އެވެ. މީގެ އިތުރުން "ބްރެއިންކީ" ފަދަ އަމިއްލަ ކުންފުނިތަކުން މިހާރު ދަނީ އެމްއާރުއައި ސްކޭންގެ އެހީގައި ސިކުނޑީގެ 3 ޑީ މޮޑެލް ހަދައި، ސިކުނޑީގެ އުމުރު ބަލައިދިނުމުގެ ހިދުމަތް ދުނިޔޭގެ އެކި ހިސާބުތަކުގައި ފޯރުކޮށްދެމުންނެވެ.
ކެލިފޯނިއާ ޔުނިވަސިޓީގެ ނިއުރޯސައިންސް ޕްރޮފެސަރު މެތިއު ވޯކާ ފާހަގަކުރައްވާ ގޮތުގައި، ސިކުނޑީގެ ދުޅަހެޔޮކަމަށް އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅަކީ ރަނގަޅަށް ނިދުމެވެ. ނިދުމުގެ ތެރޭގައި ސިކުނޑި ސާފުކޮށްދީ، އަލްޒައިމާސް ބައްޔަށް މަގުފަހިކުރާ ޕްރޮޓީންތައް ބޭރުކޮށްދެ އެވެ. ނިދުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކަކީ އުމުރުން 30 ގެ އަހަރުތަކުގައި ވެސް ފެންނަން ފަށާ ކަމަކަށް ވުމުން، މިއީ ސިކުނޑީގެ ބަލިތައް ދުރާލާ ދެނެގަތުމަށް ބޭނުންކުރެވިދާނެ މުހިންމު ކަމެކެވެ.
މީގެ އިތުރުން، ބައޯޓެކް ކުންފުނިތަކުން ދަނީ ފިނި މޫސުމުގައި ގަދަ ނިދީގައި އޮންނަ ޖަނަވާރުތަކުން ސިކުނޑީގެ ސެލްތައް އަލުން އުފެދޭ ގޮތް ދިރާސާކޮށް، އިންސާނުންގެ ސިކުނޑި އާރާސްތުކުރާނެ ބޭސްތައް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. ހަމައެއާއެކު، ސްޓެންފޯޑް ޔުނިވަސިޓީގެ ޕްރޮފެސަރު ލިއޭން ވިލިއަމްސް ހޯއްދެވި ގޮތުގައި، ފަރުވާ ނުކޮށް ހުންނަ ޑިޕްރެޝަންގެ ސަބަބުން ވެސް ޑިމެންޝިއާ ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.
ޓެކްނޮލޮޖީގެ އެހީގައި އުމުރު ޒުވާންކޮށް ބެހެއްޓުމަށް ބައެއް ވިޔަފާރިވެރިން އެތައް މިލިއަން ޑޮލަރެއް ހަރަދުކުރަމުން ދިޔަ ނަމަވެސް، ތަޖުރިބާކާރުންނާއި އުމުރުން ދުވަސްވީ މީހުން އެއްބަސްވާ އެއް ހަގީގަތެއް އެބައޮތެވެ. އެއީ ހަމައެކަނި ބޭހާއި ޓެކްނޮލޮޖީއަށް ބަރޯސާނުވެ، ދުޅަހެޔޮ ކާނާ ކެއުމާއި، ރަނގަޅަށް ނިދުމާއި، ހަށިހެލިކޮށް އުޅުމުގެ އިތުރުން، އުފާވެރި އިޖުތިމާއީ ދިރިއުޅުމެއް ވޭތުކުރުމަކީ ސިކުނޑި ތާޒާކަންމަތީ ދިގު މުއްދަތަކަށް ބެހެއްޓުމުގެ އަސްލު ތަޅުދަނޑި ކަމެވެ.



