ދިވެހި ރައްޔިތުންނަށް ހިޔާވަހިކަން ކަށަވަރުކޮށްދީ، ދިރިއުޅުމުގެ މުހުތާދުތައް ފުއްދައިދީ، އުފާފާގަތިކަން އިތުރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ އިޚްލާޞްތެރި މަސައްކަތް ދުވަހަކަށްވުރެ ދުވަހެއް ހަލުވި ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހިޖުރީ ސަނަތުން 1446 ވަނަ އަހަރުގެ ރަމަޟާން މަހާ ބައްދަލުވުމުގެ އުފަލުގައި، ދިވެހި އެންމެހާ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައި ފޮނުއްވި ޚިޠާބުގައެވެ.
ރައީސް ވިދާޅުވީ ކޮންމެ ރޯދަ މަހަކުވެސް އޯގާތެރިކަމާއި، ކުލުނާއި، ދީލަތިކަމުގެ ނަމޫނާ ދައްކައި، ރައްޔިތުންގެ ހިތަށް ތަސައްލީ ލިބިދިނުމުގައި މި ސަރުކާރުން އިސް ނަންގަވާނެ ކަމަށެވެ.
މީގެ 898 އަހަރު ކުރީން ރާއްޖެ އިސްލާމްވީއްސުރެ، ރޯދަ މަހަކީ ދިވެހީންގެ ހިތްތަކުގައި ޚާއްޞަ ޤަދަރެއް ދެވިފައިވާ މަހެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަހާ ބައްދަލުވުމަށް ދިވެހީން ވަމުންދާ ތައްޔާރީތަކާއި، ރޯދަމަހު ދިވެހީން ހިފަހައްޓާ ރިވެތި އާދަކާދަތަކާއި ހަމަތައް، ދިވެހިވަންތަ ސަގާފަތުގެ މުއްސަނދިކަން އިތުރުކޮށްދޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިފަދަ ކޮންމެ ރޯދަ މަހެއްގައިވެސް ޔަޤީން ކުރަންވީ އެއް ކަމަކީ، ދިވެހީންގެ ސިލްމާއި ސަލާމަތާއި ކާމިޔާބު ގުޅިފައިވަނީ، މާތްވެގެންވާ އިސްލާމް ދީނާކަން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ޚިޠާބު ނިންމަވާލައްވާފައިވަނީ، ރަމަޟާން މަހުގެ ފާގަތިކަމާއި ބާއްޖަވެރިކަން ދިވެހި ޤައުމަށް އަބަދުމެ ތަކުރާރުކޮށްދެއްވުމަށާއި، މި ލޮބުވެތި ވަޠަން އިސްލާމް ދީނުގެ ހިދާޔަތުގައި އަބަދުމެ ލެހެއްޓެވުމަށާއި، ދިވެހި ރައްޔިތުންނަކީ ހެޔޮލަފާ ބައެއްގެ ގޮތުގައި އަބަދުމެ ލައްވައި، ވިޔަވަތި ދިރިއުޅުމެއް މިންވަރުކުރެއްވުމަށް އެދިވަޑައިގެން ދުޢާ ދަންނަވަމުންނެވެ.









