ރޯދަމަހު އުޅުމާއި ގުޅުންތަކަށް އަންނަ ހެޔޮ ބަދަލުތައް މުޅި ހަޔާތުގައިވެސް ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން އިލްތިމާސްކުރެއްވީ، ހިޖުރީ ސަނަތުން 1446 ވަނަ އަހަރުގެ ރަމަޟާން މަހާ ބައްދަލުވުމުގެ އުފަލުގައި، ދިވެހި އެންމެހާ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައި ފޮނުއްވި ޚިޠާބުގައެވެ.
ރައީސް ވިދާޅުވީ ކީރިތި ޤުރުއާން އެ މަހެއްގައި ބާވައިލެއްވި، އަދި ލައިލަތުލްޤަދްރީގެ މަތިވެރި ދަރުމަ އެމަހެއްގައި ހިމެނިފައިވާ ރަމަޟާން މަހަކީ، ނިޢުމަތާއި ރަޙްމަތުން ފުރިގެންވާ މޫސުމެއް ކަމަށެވެ. މި ބަރަކާތްތެރި މަހުގައި އަޅުގަނޑުމެން ހިފާ ރޯދައާއި، އަޅުކަމަށް ދޭ ސަމާލުކަމާއި، އަނެކުންނަށް ދޭ މަދަދާއި، ކެތްތެރިކަމާއި އިޙްސާންތެރިކަމުގައި ދެމިތިބުމަކީ، ޖިސްމަށާއި ރޫޙަށް ލިބިދޭ އަގުހުރި ތަރުބިއްޔަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ދަރީންނަށާއި، ދިވެހި ކޮންމެ ކުޑަކުއްޖަކަށާއި ޒުވާނަކަށް ރީތި ނަމޫނާ ދައްކައި، ހަރުދަނާ ސިފަތައް އުނގަންނައިދޭ މަހެއްކަމުގައި މި މަސް ހެދުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ އަމިއްލަ ނަފްސަށް ގެއްލުންހުރި ނުކިއްސަރު އާދަތަކާ ދުރުހެލިވުމުގެ ފުރަތަމަ ފިޔަވަޅު މި މަހު އެޅުމަށްވެސް ރައީސް ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން، ދޮގާއި ފިތުނަ ފަތުރަން މަސައްކަތްކުރާ ކޮންމެ ބަޔަކާ ދުރުހެލިވެ، ޚުލްޤު ހެޔޮ އިންސާނެއްގެ ގޮތުގައި ކާމިޔާބު ހަޔާތެއް އުޅުމުގެ ޢަޒުމު މި މަހު އައުކުރުމަށާއި، އިސްރާފުކުރުމާއި، ވަގުތުގެ ނިޢުމަތް ބޭކާރުކުރުން ފަދަ ވަސްވާސްތަކާ ފެޔަށް ޖެހި، ފުދުންތެރި ދިރިއުޅުމެއް ޚިޔާރުކޮށް، މާދަމާއަށްޓަކައި ދުނިޔަވީ އަދި އުޚްރަވީ ގޮތުން މަންފާހުރި އެތައް ޢަމަލަކާއި ހެޔޮކަމެއް ގޮވާންކުރުމުގެ އާދަ މިމަހު ހިފަން ފެށުމަށް ވެސް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.
ގަދަކީރިތިވަންތަ ﷲގެ އޯގާވަންތަކަން ހަނދުމަކޮށް ޝުކުރު ކުރާ ހާލު، އެއް ހަށިގަނޑެއް ފަދަ މި އިސްލާމީ އުންމަތުގެ އެންމެހައި އަޚުންނާއި އުޚްތުން މަތީން އަބަދުމެ ހަނދާންކުރަން ވާނެކަން ފާހަގަކުރައްވާ ރައީސް ވަނީ، ވަކީން ޚާއްޞަކޮށް ނުތަނަވަސްކަމާއި ދަތި ހާލުގައި ތިބި ކޮންމެ މުސްލިމެއްގެ މައްޗަށް ހެޔޮ ދުޢާކޮށްދީ ހެޔޮ ފޯރުވައިދިނުމަށް ނަސޭޙަތްތެރިވެވަޑައިގެންފައެވެ. އަދި އަޅުގަނޑުމެންގެ އުޚުއްވަތްތެރި ފަލަސްޠީނުގެ އަހުލުވެރީންނާއި، ހަނގުރާމައާއި އަނިޔާވެރިކަމާއި ހައިހޫނުކަން ބަރުދާސްކުރަމުންދާ މިނޫން މުސްލިމް މުޖުތަމަޢުތަކާއި ޢާއިލާތަކަށް ކުޅަދާނަވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިނުމުގައި ދެމި ތިބުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.









