ހަތަރު ލޭނު ހިމެނޭހެން ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި ތަރައްޤީކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް އިފްތިތާޙުކުރެއްވުމަށް ފަހު ރޭ، ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ފެރީ ޓަރމިނަލުން ފެށިގެން އެމްއެމްއޭގެ ޢިމާރާތާ ހަމައަށް މަގު ތަރައްޤީކުރުމުގެ މަސައްކަތް، މި ރަމަޟާން މަސް ނިމެންވާއިރަށް އެމްޓީސީސީން ފަށާނޭ ކަމަށެވެ.
އެގޮތުން އެ މަގުގެ ކޮޅަކަށް ދެ ލޭނު އޮންނަގޮތަށް ޝީޓްޕައިލްކޮށް، މޫދުން ބައެއް ނަގައި، މަގު ފުޅާކޮށްގެން ހުރިހާ ނިޒާމުތަކެއް އަޑީގައި ހިމެނޭގޮތަށް މަގު ތަރައްޤީކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި އަހަރު ނިމެންވާއިރަށް މަގު ހެދުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނޭކަމަށް ރައީސް ވިދާޅުވިއެވެ.
މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައިވީ ނަމަވެސް އެމްޓީސީސީއާ ހަވާލުކުރާ މި މަސައްކަތް ކުރިއަށްގެންދާނީ ވަކި މަސައްކަތެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.









