މިފެށޭ ރޯދަމަަަހަކީ އަޅުގަނޑުމެންގެ ޢަމަލުތައް ސީދާކޮށް، އަޅުގަނޑުމެންނަކީ މުސްލިމުންނަށްވީތީ މުސްލިމެއްކަމުގެ ފަޚުރު، ހިތާ ރޫހުން ލިބިގަނެ، ޢާއިލާތަކާއި ގާތް ފަރާތްތަކުގެ މެދުގައި ޖެހިފައިވާ މައްސަލަތައް ޙައްލުކުރުމަށް އޮތް ރަނުގެ ފުރުޞަތެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ރައީސް މިފަދައިން އިލްތިމާސްކުރެއްވީ ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި، ޚިޔާލުތަފާތުވުންތަކުން އެއްކިބާވެ، ޤައުމާއި ދީން އިސްކުރެއްވުމަށް އިލްތިމާސްކުރެއްވިއެވެ. އަދި، މާޒީގައި ހިފަހައްޓައިގެން ލިބޭނެ ކުރިއެރުމެއް ނެތްކަމަށާއި ކުރިއަށްދިޔުމަކީ އިސްލާމްދީން ދަސްކޮށްދޭ، އެކަމަކަށް ބާރުއަޅާ ކަމެެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
މާފުކުރުމާއި، އެކުވެރިކަން އާލާކުރުމާއި، ހިތްސާފުކޮށް ޠާހިރުކުރުމާއި، އަނެއް މުސްލިމާއަށް ތިބާގެ ފަރާތުން ކުރިމަތިވެދާނެ ގެއްލުންތަކުން ސަލާމަތްވުމުގެ މައްޗަށް ރައީސްގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އެފަދަ ކަންކަމަކީ ނަބަވީ ސުންނަތުން ދަލީލުކޮށްދޭ ކަންކަންކަމަށާއި، މިކަންކަން ޔަޤީންނުވާނަމަ، އެމީހެއްގެ މުސްލިމުކަން ފުރިހަމަވެގެން ނުދާނޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން، ކުރިމަތިވެފައިވާ ބަރަކާތްތެރި ރޯދަމަހުގައި އަމިއްލަ ނަފްސު އިޞްލާޙްކުރުމުގެ ނިޔަތްގަނެ، މާތްﷲގެ ވާގިފުޅާއެކު އެ މަސައްކަތްކުރުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެ ސަބަބުން، މުޅި ދިވެހި މުޖްތަމަޢުއަށް އޭގެ ފައިދާކޮށް، ތަރައްޤީވެގެންދާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.









