ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި ސަލްޓަން ޕާކު އަލުން ތަރައްޤީކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް އިފްތިތާޙުކުރެއްވުމަށް ފަހު މިރޭ، ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވަނީ ޖުމްހޫރީ މައިދާނުގެ ފައްވާރާއި، ޢިއްޒުއްދީން ފާލަން އަދި ސަލްޓަން ޕާކު ހިމެނޭ މި ސަރަޙައްދަކީ މާލޭގެ ރައްޔިތުންގެ ހިތްހަމަޖެހުމަށް އޮތް އެންމެ ބޮޑު އެއް ސަރަޙައްދުކަން ފާހަގަކުރައްވައި، އެ ސަރަޙައްދުގެ ތަރައްޤީއަށް ގެންގުޅުއްވާ ވިސްނުންފުޅު ޙިއްސާކުރައްވާފައެވެ.
އެގޮތުން، ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި ސަލްޓަން ޕާކު އަލުން ތަރައްޤީކުރައްވާނޭކަމުގެ ޚަބަރު އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ސަލްޓަން ޕާކު ތަރައްޤީކުރައްވާނީ، ބަވަނަވަމުންދާ ދުނިޔޭގެ ޒަމާނީ ފަންނިއްޔާތު ބޭނުންކޮށްގެން އަދުގެ ޖީލަށް ޝަޢުޤުވެރިކުރަނިވި ގޮތެއްގައި ރާއްޖޭގެ ތާރީޚު ދަސްވާނޭ ގޮތަކަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޓީސީސީ ފެރީ ޓަރމިނަލުން ފެށިގެން އެމްއެމްއޭގެ ޢިމާރާތާ ހަމައަށް މަގު ތަރައްޤީކުރުމުގެ މަސައްކަތް، މި ރަމަޟާން މަސް ނިމެންވާއިރަށް އެމްޓީސީސީން ފަށާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިމަގު ތަރައްޤީކުރެވިގެންދާނީ، މަގުގައި ދެ ލޭން ހިމެނޭ ގޮތަށް، ޝީޓްޕައިލްކޮށް، މޫދުން ބައެއް ނަގައި، މަގު ފުޅާކޮށްގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި އަހަރު ނިމެންވާއިރަށް މަގު ހެދުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނޭކަމަށް ރައީސް ވިދާޅުވިއެވެ.









