ޢިއްޒުއްދީން ފާލަން ރަމްޒުކޮށްދެނީ، ދިވެހިވަންތަކަމާއި، ދިވެހި ފަންނުވެރިކަމާއި، ދިވެހި މާޒީ އާއި މުސްތަޤުބަލުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް އިފްތިތާޙުކުރެއްވުމަށް ފަހު މިރޭ، ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، މި ފާލަމަކީ، ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ފިކުރު ބިނާކުރުން ހިމެނޭ ގޮތަށް، މި ސަރުކާރުގެ ޤައުމީ ތަރައްޤީގެ ސިޔާސަތާ ގުޅިލާމެހޭ ގޮތަށް ފަރުމާކޮށްފައިވާ ފާލަމެއްކަން ފާހަގަކުރެއްވިއެވެ.
ފާލަން ފަރުމާކުރުމުގައި ދިވެހި ޘަޤާފަތާއި، ދިވެހީންގެ އަމިއްލަވަންތަކަން ދައްކުވައިދިނުމަށް ވަނީ ޚާއްޞަ އިސްކަމެއް ދެއްވާފައެވެ. އެގޮތުން، ފާލަން ފަރުމާކޮށްފައިވަނީ، ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގައި ބޭނުންކުރެއްވި ރަސްމީ ފާލަމާއި، ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ބޭނުންކުރެއްވި ރަސްމީ ފާލަމުގެ ފަރުމާއަށް ރިޢާޔަތްކޮށްގެންނެވެ.
ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. / ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގައި އެންމެ ފަހުން ރަސްކަންކުރެއްވި އަލްއަމީރު މުޙައްމަދު ފަރީދު ދީދީގެ ތޮފިކޮޅު ސިފަވާފަދަ ނިޝާނެއްވެސް ފަރުމާގައި ހިމަނާފައިވެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ޢިއްޒުއްދީން ފާލަން މަރާމާތު ނުކޮށް ހުރުމުގެ ސަބަބުން، ފާލަމުގެ މައި ސްޓްރަކްޗަރ ނުވަތަ ސުޕަރ ސްޓްރަކްޗަރ އަށް ގެއްލުންވެ، ފާލަން ބޭނުންކުރާ ފަރާތްތަކަށް ގެއްލުމެއް ލިބިދާނެތީ، ފާލަމުގެ މައި ސްޓްރަކްޗަރ އަލުން ފަރުމާކޮށް، އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީ އާ ހަވާލުކުރެއްވީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.









