މިއަދު ސަރުކާރުން އިޢުލާންކުރެއްވި ފްލެޓް ލިސްޓު އެކުލަވާލެއްވުމުގައި ޒައްރެއްގެ މިންވަރެއްގެ ނުފޫޒެއްވެސް ފޯރުވާފައި ނޯންނާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މި ޔަޤީންކަން ދެއްވާފައިވަނީ، ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް އިފްތިތާޙުކުރެއްވުމަށް ފަހު މިރޭ، ޖުމްހޫރީ މައިދާނުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިއަދު އިޢުލާންކުރެއްވި ލިސްޓު ޢާންމުކުރައްވާފައި އެވަނީ، މިދިޔަ ސަރުކާރުން އިޢުލާންކުރެއްވި ލިސްޓުގައި ހުރި މައްސަލަތައް އޭސީސީއިން ބަލައި، އެ ސަރުކާރުން އިޢުލާންކުރެއްވި ޝަރުޠުތަކަށް ޕޮއިންޓްދޭން ކަނޑައަޅާފައިވާ އުޞޫލަށް ބައްލަވައިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ލިސްޓުން ބަޔަކު އުނިވެފައިވާނަމަ، އެ އުނިވީ ސަބަބުތައްވެސް އެނގޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަ ޔަޤީނުންވެސް ގަސްދުގައި އެއްވެސް މީހަކު ލިސްޓުން އުނިކުރައްވާފައި ނުވާނޭ ކަމަށާއި، މި ސަރުކާރަކީ، ރައްޔިތުންނަށް ކަންކަން ފުރިހަމަކޮށްދިނުމުގައި އިންތިހާއަށް ޝައުގުވެރިކަންހުރެ، ހަމަހަމަކަމާއި ލޯތްބާއި ޢަދުލުވެރިކަމާއެކު ޚިދުމަތްކުރަން އައި ސަރުކާރެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިއީ އެމަނިކުފާނަށް ގެދޮރުވެރިކަމުގެ މަޢުލޫމާތުތައް އެނގިވަޑައިގަންނަވަން ފެއްޓެވީއްސުރެ، ނުފޫޒެއް ނުފޯރުވާ، ގެދޮރު ލިބޭނޭ މީހުންގެ ލިސްޓެއް ނެރުއްވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެކި ސަބަބުތަކާހުރެ ލިސްޓަށް ނޭރި ރައްޔިތުން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކަނޑައެޅިފައިވާ އުޞޫލުން ޝަކުވާ ހުށަހެޅުއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ޝަކުވާގެ މުއްދަތު ހަމަވެ، މައްސަލަތައް ބަލައި، ޙައްޤުވެރީންނަށް ފްލެޓް އެކަށައެޅުމަށްފަހު، ބާކީ ފްލެޓް ހުރިނަމަ، މި ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން މިންގަނޑުތަކަށް ބެލުމަށްފަހު، ޕޮއިންޓް ލިބޭ ތަރުތީބުން ފްލެޓް ހަމަޖެހިގެންދާނޭކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މި ލިސްޓުގައި ނުހިމެނުނު ނަމަވެސް، މާލޭ ސަރަޙައްދުގައި ހިންގާ ގެދޮރުވެރިކަމުގެ ބިޔަ މަޝްރޫޢުތަކުގެ ތެރެއިން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ގެދޮރުވެރިކަމުގެ ފުރުޞަތު ފަހިވެގެންދާނޭކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.









