މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް 3.6 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
މި ފައިސާ ދޫކޮށްފައިވަނީ މި މަހުގެ 25 ވަނަ ދުވަހު މިފްކޯގެ ސެންޓަރުތަކަށް ކިރާފައިވާ މަހަށް ކަމަށް މިފްކޯއިން ހާމަކުރިއެވެ.
މިފްކޯއިން ބުނީ މި ފައިސާ މިއަދު ހެނދުނު 10:30 އާއި 12:30 އާ ދެމެދު ޖަމާކުރެވިފައިވާނެ ކަމަށެވެ. އަދި އެހެން ބޭންކް ޓްރާންސްފަރތައް މިއަދު ހަވީރު 4:30 ގެ ކުރިން ކްލިއަރ ކުރެވޭނެ ކަމަށް ވެސް މިފްކޯއިން ބުންޏެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 25 ވަނަ ދުވަހު ޖުމްލަ 43 މަސްދޯންޏަކުން މަސް ކިރާފައި ވެއެވެ. މިފްކޯއަށް ކިރާ މަހަށް މިހާރު ފައިސާ ދޫކުރަމުން ދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައެވެ.
މި ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. އޭގެ ތެރޭގައި އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. މިހާރު ވަނީ ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫއިން އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ފަށާފައެވެ.
މީގެ އިތުރުން، މިފްކޯއިން މަސްވެރިންނަށް ކްރެޑިޓަށް ވެސް ތެޔޮ ވިއްކައެވެ. މި ފައިސާ މިފްކޯއަށް ކިރުވާ މަހަށްވާ ފައިސާގެ ތެރެއިން ދަނީ ކަނޑަމުންނެވެ.









