3 ވަނަ 'ސާބާ އަންހެން ބާސްކެޓް ބޯޅަ' މުބާރާތުން، ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ރިހި މެޑަލް ހޯދައިދިން ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިންޑިއާގެ ނިއު ދިއްލީގައި ކުރިއަށްދިޔަ ސަރަޙައްދީ މި މުބާރާތުގެ ފައިނަލުގައި ދިވެހިރާއްޖެ އާއި އިންޑިއާ ވާދަކުރި މެޗުގައި، ދިވެހި ޤައުމީ ޓީމުން ދެއްކި ރީތި ކުޅުމާއި ކުރި ހިތްވަރަށް ސާބަސް ދެއްވާފައެވެ.
އެންމެ ފަހުން ބޭއްވި ސާބާ މުބާރާތުން ރާއްޖެ އަށް ލިބުނީ ލޯ މެޑަލެވެ. މި ފަހަރު ރާއްޖެ އާއި އިންޑިއާ އަދި ނޭޕާލުގެ މެދުގައި ކުރިއަށްދިޔަ މުބާރާތުގައި ރާއްޖޭން ވަނީ މިދިޔަ ދެ ފަހަރުގެ ރަނަރަޕް ނޭޕާލް ބަލިކޮށްފައެވެ. ނަމަވެސް މުޅިން އަލަށް ކުޅުނު އިންޑިއާ އިން ވަނީ ދެ މެޗުން ވެސް ރާއްޖެ ބަލިކޮށްފައެވެ.
މުޅި މެޗަށް ބަލާއިރު، ރާއްޖޭގެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، ހަތް ޕޮއިންޓް ސްކޯކުރި ރައިފާ އިބްރާހިމް އެވެ. ދެން، ޓީމަށް އެންމެ ގިނަ ޕޮއިންޓް ސްކޯކޮށްދިނީ، ފާތިމަތު އީހައު ޝަމީމް އަދި އައިމިނަތު ޝިއުރާ އަބްދުލް ބާރީ އެވެ. މީގެ ތެރެއިން ކޮންމެ ކުޅުންތެރިއަކު، ހަ ޕޮއިންޓް ސްކޯކުރިކަން ފާހަގަކޮށްލެވެއެވެ.









