ލާމަރުކަޒީ ނިޒާމަށް ހަގީގީ ބާރުވެރިކަން ދިނުމަށް ފެއްޓެވި މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހާއި ގުޅިގެން ދެއްވި ތަހުނިޔާ މެސެޖުގައި ރައީސް މުޢިއްޒު ވިދާޅުވީ، ރަށްރަށަށް ދަތުރުކޮށް، ކައުންސިލްތަކުގެ އަޑު އަހައި، ރައްޔިތުންނާއި ގާތުން ބައްދަލުވެ، އަދި ޙާލަތު ލޮލުން ދެކެވަޑައިގެން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ފައްޓަވާފައިވާ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ރައީސް ވަނީ މިހާތަނަށް ރާއްޖޭގެ ހުރިހާ ކައުންސިލަކާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ ކައުންސިލްތަކުގެ ހާލަތު ދެނެގަތުމާއި، ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމެވެ. މިގޮތުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ބައެއް ކައުންސިލްތަކުން އެދިފައިވާ ކަންކަން ވަނީ ހާސިލު ކޮށްދެއްވާފައެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ރައީސް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ކައުންސިލްތަކުގެ އިޚްތިޞާސް ފުޅާކުރެއްވުން ހިމެނެއެވެ. މިގޮތުން ރ. މަޑުއްވަރީގެ އިޚްތިޞާޞްގައި އުފުލަންދޫ، އަދި ރ. މީދޫގެ އިޚްތިޞާޞްގައި ތާވަތާ ވަނީ ހިމަނުއްވާފައެވެ. އަދި ލ. ގަމުގެ އިޚްތިޞާޞްގައި ލ. ބޮޑުފިނޮޅު ހިމެނުއްވުމަށް ވެސް ވަނީ ނިންމަވާފައެވެ.
އެގޮތުން، މާލީ ގޮތުން ކައުންސިލް ތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރި ކުރުވުމަށްޓަކައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރަމަޟާން މަހުގެ އިނާޔަތް ލިބޭނެގޮތް ހަމަޖައްސައިދެއްވާފައި ވެއެވެ. މީގެއިތުރުން، ކައުންސިލްތަކުން އިޤްތިޞާދީ މަސައްކަތް ކުރުމަށް ފަޅުރަށް ދޫކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. މިހާތަނަށް 3 ކައުންސިލަކަށް 4 ފަޅުރަށް ދޫކުރެވިފައި ވާއިރު، އިތުރު 5 ކައުންސިލަކުން 7 ރަށެއް ހޯދުމަށް ހުށަހަޅާފައި ވެއެވެ.
ރައީސްގެ އަމާޒަކީ ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކައުންސިލްތަކުގެ 71 އިންސައްތަ މުޅިން އައު ކައުންސިލް ޢިމާރާތްތަކަށް ބަދަލުކުރުމެވެ. މިގޮތުން 105 ކައުންސިލް އިދާރާ އެޅުމަށް ނިންމަވާފައި ވާއިރު، ބައެއް ކައުންސިލްތަކުގެ އިމާރާތްތައް އެޅުމުގެ މަސައްކަތް ވަނީ ފެށިފައެވެ.









