ދ. ހުޅުދެލީގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދ. އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ހުޅުދެއްޔަށް ވަޑައިގެން މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިޤް އިބްރާހިމް އެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލް އެވެ.
ހުޅުދެލީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެ ރަށުގެ ކުނީގެ މައްސަލައަކީ ރިޔާސީ ވަޢުދެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ގިނަވެގެން 4 މަސް ދުވަހުގެ ތެރޭގައި، ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ވަޞީލަތާއި މުވައްޒަފުން ހަމަކޮށް، ޚިދުމަށް ދޭން ފެށޭނެކަމަށެވެ.
މި މަސައްކަތުގެ މަޤްޞަދަކީ ކުނި ނައްތާލުމުގެ ހަރުދަނާ އަދި ދެމެހެއްޓެނިވި ނިޒާމެއް ޤާއިމުކޮށް، ރައްޔިތުންނަށް ސާފު އަދި ދުޅަހެޔޮ މާޙައުލެއް ޤާއިމުކޮށްދިނުން ކަމަށް ސަރުކާރުން ފާހަގަކުރިއެވެ.