ދ. ހުޅުދެލީގައި އަލަށް ޤާއިމްކުރި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވައިފިއެވެ.
އެ ޚިދުމަތް ރައީސް އިފްތިތާޙްކޮށްދެއްވީ ދ. އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން މިއަދު ހުޅުދެއްޔަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިއަދު، ހުޅުދެލީގައި އޭޓީއެމްގެ ޚިދުމަތް ފެށުމާއެކު، ނިލަންދެއަތޮޅު ދެކުނުބުރި މިހާރު ވެފައިވަނީ، ވަކި ރަށްތަކުގެ މައްޗަށް އެކުލެވިފައިވާ އެއް އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރެވުނު ފުރަތަމަ އަތޮޅަށްކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ދެއްކެވި ވާހަކަފުޅުގައި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކިންގ ފަދަ ޒަރޫރީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. މި ވައުދާ އެއްގޮތަށް ކުރެވޭ މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މާލީ ލުއިފަސޭހަކަން ލިބިގެންދާނެއެވެ.









