ލަސްވެގެން މިއަހަރުގެ ޖުލައި މަހު، ދ. ހުޅުދެލީ ފަޅުތެރެއިން ހިއްކެން އޮތް އެންމެ ބޮޑު މިނެއްގައި ބިންހިއްކުމުގެ ޢަމަލީ މަސައްކަތް ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ހުޅުދެއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ބިންހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަވާނީ ބިން ހިމާޔަތްކޮށްދިނުމުގެ މަސައްކަތްވެސް ހިމެނޭ ގޮތަށް ކަމަށާއި، ޖުލައި މަހު ޢަމަލީ މަސައްކަތް ފެއްޓެވުމަށްފަހު އެ މަސައްކަތް ހުއްޓަވާލައްވާނީ، ބާރު ދުވެލީގައި ގެންގޮސް މަސައްކަތް ފުރިހަމަކުރެއްވުމަށް ފަހުގައި ކަމަށް ވިދާޅުވެފައެވެ.
މި މަސައްކަތުގެ އިތުރުން، ހުޅުދެލީ ސްކޫލަށް ބޭނުންވާ ޖާގަ އިތުރުކޮށް، ސްކޫލަށް ބޭނުންވާ ބިނާރު ހަމަކުރުމުގެ ޢަމަލީ މަސައްކަތް މޭ މަހު ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިންސާނީ އަދި ޢުމްރާނީ ވަޞީލަތްތައް ހިމެނޭނޭހެން، ޞިއްޙީ ދާއިރާއަށް ބޭނުންވާ ބިނާރު ފުރިހަމަކުރެވިފައިވާ ފުރިހަމަ ޞިއްޙީ މަރުކަޒެއް ހުޅުދެލީގައި ޤާއިމުކޮށްދެއްވާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، މި އަހަރުގެ ތިންވަނަ ކުއާޓަރ ތެރޭގައި ހުޅުދެލީގައި އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ފައްޓަވާނޭކަމަށް ވިދާޅުވެފައެވެ. އަދި ސްޕޯޓްސް ފިޝިންގ އަށް ބޭނުންވާ ބޮއި ޤާއިމުކުރާ ރަށްތަކުގެ ތެރޭގައި ހުޅުދެލިވެސް ހިމަނުއްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހުޅުދެއްޔަކީ، ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެވެ.









