ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރިނބުދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކޮށްލައްވައި ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރިނބުދޫ ސްކޫލުގައެވެ.
މިއަދު ހެނދުނު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރައްޔިތުން އެންމެ އެދޭކަންކަން ރައީސްއާ ޙިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލުން ވަނީ، ސުކޫލާއި، ޞިއްޙީ މަރުކަޒު އަދި މިސްކިތުގެ ޖާގައިގެ ދަތިކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށާއި، ކަރަންޓުގެ މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުމަށާއި، ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ބޭނުންވާކަމުގައި ފާހަގަކުރައްވާފައެވެ. ހަމައެއާއެކު ރަށުގެ ޒުވާނުން ސްޕޯޓްސް ފިޝިންގ އަށް ޝައުޤުވެރިކަން ހުންނަކަން ފާހަގަކުރައްވައި ސްޕޯޓްސް ކަނދުފައްޗެއް ރަށް ކައިރީގައި ޤާއިމުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ވަނީ ބަޖެޓުގެ ދަތިކަން ހުރުމުން މަސައްކަތްތައް ކުރިއަށްގެންދިއުމަށް ގޮންޖެހުންތަކެއް ކުރިމަތިވާކަން ފާހަގަކުރައްވާފައެވެ.
ރައީސް ވަނީ މިއަދުގެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުންނާއި، ބައެއް ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި ރިނބުދޫގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލުހޯއްދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ އ.ތ.މ ކޮމިޓީއަށް ދިމާވެފައިވާ ބަޖެޓުގެ ދަތިކަން ޙައްލުކޮށްދެއްވުމަށް ކުރެއްވޭނެކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.









