ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދ. ރިނބުދޫގައި ސެލްފް ސާވިސް އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ. މި ޚިދުމަތް އެ ރަށުގައި ފައްޓަވައިދެއްވާފައިވަނީ މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ޚިދުމަތް ފެށުމާއި ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފު ވިދާޅުވީ މުޅި ރާއްޖޭގައި ބޭންކިންގ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން، ރިނބުދޫގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ތަޢާރަފުކުރެވުމަކީ ލިބުނު އުފަލެއް ކަމަށެވެ. އަދި މި ޚިދުމަތުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޑިޕޮސިޓް ކުރުމާއި ފައިސާ ދެއްކުން ފަދަ ދުވަހުން ދުވަހަށް ކުރަންޖެހޭ ބޭންކިންގ މުޢާމަލާތްތައް 24 ގަޑިއިރު ކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްއިން ބުނިގޮތުގައި، ރިނބުދޫގައި ޤާއިމުކުރެވުނު އޭޓީއެމްގެ ޚިދުމަތާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލްއިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ. އަދި ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށްވެސް ބޭންކުން ބުންޏެވެ.
މިހާރު ބީއެމްއެލްއިން ވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައެއް ޤާއިމުކޮށްފައެވެ. މިގޮތުން 20 އަތޮޅުގައި 39 ބްރާންޗް، 97 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރު، 154 އޭޓީއެމް، އޭޖެންޓު ބޭންކިންގ ޚިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް ބީއެމްއެލްއިން އަންނަނީ ދެމުންނެވެ.









