ސިޔާސަތުތައް ތަންފީޒުކުރުމުގައި އެއްވެސް ރައްޔިތަކު ތަފާތުނުކޮށް، ހަމަހަމަ އުސޫލެއްގެ ތެރެއިން ކަންބޮޑުވުންތައް ހައްލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރިނބިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު އަބަދުވެސް މަސައްކަތްކުރައްވަނީ ރަނގަޅު ޕްލޭނަކާއެކު ސިޔާސަތު އެކުލަވާލައި ނަތީޖާ ނެރެން ކަމަށެވެ. އަދި ރައްޔިތުންގެ ގާތަށް ގޮސް ކަންބޮޑުވުންތައް އަޑުއަހައި ސަރުކާރަށް އެޅެން އޮތް އެންމެ އަވަސް ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ބައެއް ރަށްތަކުގައި އާބާދީ ކުޑަވުމުގެ ސަބަބުން މީގެ ކުރިން އަޅާނުލައި ދޫކޮށްލާފައި އޮތް ނަމަވެސް ހުރިހާ ރައްޔިތުންނަކީ ވެސް ހަމަހަމަ ބައެއްގެ ގޮތުގައި ދެކި އެއް އުސޫލަކުން ތަރައްޤީ ގެނެސްދޭނަން،" ރައީސް ވިދާޅުވިއެވެ.
ރިނބިދޫގެ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިއްޙީ ދާއިރާއަށް ބަޖެޓުގެ ތެރެއިން ސަމާލުކަމެއް ދެވިފައިވާއިރު ރަށްތަކަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަ ކުރެވިގެންދާނެ ކަމަށެވެ. އަދި 500 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމުގެ ޢަމަލީ މަސައްކަތް ޖޫން މަހު އެންމެ ލަސްވެގެން ފަށާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، އެ މައްސަލަ ޙައްލުކުރުމަށްޓަކައި ބިންތައް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ރަށަށް ވަރަށް އަވަހަށް ޓީމެއް ފޮނުއްވާނެ ކަމަށެވެ.
ދަތުރުފަތުރުގެ ނިޒާމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، ހުރިހާ ރަށެއްގައި އާރްޓީއެލްގެ ޚިދުމަތް މި އަހަރު ޤާއިމުކުރުމަކީ އެމަނިކުފާނުގެ އަމާޒެއްކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން ވަރަށް އަވަހަށް ދ. އަތޮޅުގެ ރަށްތަކަށް އާރްޓީއެލް ފެރީގެ ނިޒާމަކުން ގުޅުވާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރިނބިދޫ ކައުންސިލްގެ ރައީސް އަޙްމަދު އިޤްބާލް ޢަބްދުލްޤައްޔޫމް ވިދާޅުވީ، ނިމިދިޔަ ދައުރުގައި ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރުމަށް ތަކުރާރުކޮށް އެދުމުން ވެސް އެ ފުރުސަތު ލިބިފައި ނުވާކަމަށެވެ. އެހެންނަމަވެސް ރައީސް މުޢިއްޒުގެ ފަރާތުން ކައުންސިލަށް އަބަދުވެސް އެއްބާރުލުން ލިބޭކަމަށް އިޤްބާލް ވިދާޅުވިއެވެ.
"ރަށުގެ ރައްޔިތުންގެ ކޮންމެ ހުށަހެޅުމެއް، ރައީސާއި ހަމައަށް ގެންދެވުމާއެކު އެކަން އަޑުއައްސަވައި ޙައްލު ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވާ،" އިޤްބާލް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ކުރިއަށް އޮތީ ރަމަޟާން މަސް ކަމަށްވާއިރު، އޭގެ ކުރިން ހުރިހާ ރަށެއްގެ ވެސް ކަރަންޓުގެ މައްސަލަ ޙައްލުކުރެވޭނެ ކަމަށެވެ. އެގޮތުން ރިނބިދޫއަށް ވެސް ބޭނުންވާ ޖެނެރޭޓަރު ގެނެސް ކަރަންޓު ކެނޑޭ މައްސަލަ ޙައްލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ފިޓްނެސް އަދި ރެކްރިއޭޝަން ސެންޓަރެއް ރިނބިދޫގައި އެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.









