ގުޅިފަޅުން ގޯތި ދީފައިވާ ރައްޔިތުންނަށް، ހިއްކާފައިވާ ސަރަހައްދުން ކުރިއަށް އޮތް ދެމަސް ދުވަހުގެތެރޭގައި ގޯތިދީ ރަޖިސްޓްރީ ހަވާލުކޮށް ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މީދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ގުޅިފަޅުން ގޯތި ލިބުނު އެތައް ހާސް ރައްޔިތުން ތިބިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ހިއްކާފައިވާ ސަރަހައްދުންނާއި ނުހިއްކާ ސަރަހައްދުން ވެސް ކުރީ ސަރުކާރުން ގޯތި ދީފައިވާ ކަމަށެވެ.
"ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށްފިން. އިރާދަކުރެއްވިއްޔާ ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބިފައިވާ ހުރިހާ ރައްޔިތުންނަށް ވެސް މިހާރު ހިކިފައި އޮތް ބިމުން ގޯތި ހަމަޖެހިގެންދާނެ," ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނެސްފައި ވާނީ ހޮސްޕިޓަލާއި އެނޫންވެސް ވަސީލަތްތައް ޤާއިމްކުރާގޮތަށް ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން މަސްތެރޭ ގުޅިފަޅުން ގޯތި ލިބުނު ހުރިހާ ރައްޔިތުންނަށް ރަޖިސްޓްރީ ހަވާލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، ބްރިޖުގެ މަސައްކަތަށް ބަންދުކޮށްފައިވާ ސަރަހައްދުން ގޯތި ލިބުނު ރައްޔިތުންނަށް ރަޖިސްޓްރީ ނުދެވޭނެކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ގުޅިފަޅަކީ ބޯހިޔާވަހިކަމަށް ގޯތި ދޫކޮށްފައިވާ ރަށެކެވެ. ކުރީގެ ސަރުކާރުން ގުޅިފަޅުން 7 ސައިޒެއްގެ ޖުމުލަ 3520 ގޯތި ދޫކޮށްފައި ވެއެވެ. އަލުން އެކުލަވާލި ލޭންޑް ޔޫސް ޕްލޭންގައި ބިމުގެ 21 އިންސައްތަ ކަނޑައަޅާފައި ވަނީ ޕާކު ތަކަށާއި ގްރީން ސްޕޭސް ތަކަށެވެ.
މީގެއިތުރުން، ރައީސް ވިދާޅުވީ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތާއި، އުތުރު ތިލަފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށެވެ. މިއީ މާލެއާއި މާލޭގެ ރައްޔިތުންނަށް ގޯތީގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.









