މެޑިކަލް މާފިއާއެއް އުފައްދައި ރައްޔިތުންނަށް ދަތި ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކަށް އެއްވެސް ޖާގައެއް ނުދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ދ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މީދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފަހަކަށް އައިސް އާސަންދަ ސްކީމްގެ ދަށުން ކަވަރުކުރަމުން އައި ބައެއް ބޭސްތަކުގެ ޚިދުމަތް ހުއްޓާލާފައިވާ ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ. މި ފާޑުކިޔުންތައް އަމާޒުވެފައި ވަނީ ބޭސް އެތެރެކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކާއި ގުޅިގެންނެވެ.
"މިއީ ބޮޑު ވިޔަފާރިއެއްގެ ގޮތުގައި ދެކި، އެއްހާހާއި ދެހާހުގެ އިންސައްތައިގެ ފައިދާ ބަޔަކު ނަގަމުން ދިޔައީ. ސަރުކާރުން އެ މައްސަލަ ހައްލުކުރަން ފިޔަވަޅު އެޅުމާއެކު، އެކަމާއި ދެކޮޅަށް ބަޔަކު މަސައްކަތް ފަށައިފި. އެއީ ރައްޔިތުންނަށް ދަތިކުރުން." ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މެޑިކަލް މާފިއާއެއް އުފައްދައި ރައްޔިތުންނަށް އުނދަގޫ ކުރުމުގެ ޖާގައެއް ނުދޭނެ ކަމަށެވެ. އަދި އަންނަ މާރޗް 15 ގެ ކުރިން އެސެންޝިއަލް ބޭސްތައް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށާއި އޭޕްރީލް މަހާއެކު އިތުރު މައްސަލަތައް ހައްލުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ،
ސަރުކާރުން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭގައި ބޭސް ޓެސްޓުކުރުން ހަރުދަނާ ކުރުމާއި، ނޭޝަނަލް ހެލްތް ލެބޯޓްރީ އަޕްގްރޭޑް ކުރުމާއި، ރާއްޖެއަށް އެތެރެކުރެވޭ ބޭހުގެ ފެންވަރު ކަށަވަރު ކުރުމަށް ފިޔަވަޅު އެޅުން ހިމެނެއެވެ. މީގެ އިތުރުން، އާސަންދަ ނިޒާމަކީ ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދޭ ނިޒާމަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން 200 އަށް ވުރެ ގިނަ ބޭހެއްގެ އަގު ސަރުކާރުން ވަނީ ކޮންޓްރޯލް ކޮށްފައެވެ.
"ކުޑަ ބޭސްފިހާރައެއް ހިންގަމުންދާ މީހާ، އަހަރެއްގެ ތެރޭގައި ބޮޑެތި އެހެން ވިޔަފާރިތައް ފެށިތަން ރައްޔިތުން ދެކެފައި ވާނެ. ސަރުކާރުން މި ފިޔަވަޅު އެޅުމުން ޕްރައިވެޓް ސެކްޓަރުން ދަތިކުރަން މަސައްކަތްކުރި ނަމަވެސް، އެ ފުރުސަތު ސަރުކާރުން ނުދޭނެ. އެއީ ބޭހުގެ ވިޔަފާރިއަށް ވިޔަސް، އަދި އެހެން ބަޔަކަށް ވިޔަސް." ރައީސް ވިދާޅުވިއެވެ.









