ރައްޔިތުންގެ އަޑުއަހައި، އެމީހުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ދ. އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މީދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޅުގަނޑު އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުންގެ ގާތަށް އައިސް، ރައްޔިތުން ބޭނުންވާ ކަންކަން އަޑު އަހައި، ރައްޔިތުން ބޭނުންވާ އަމާޒަށް ކަންކަން ގެންގޮސްދިނުމަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީދޫގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުތަކެއް މިއަދު ފެށިގެންދިޔަ ކަމަށެވެ. އަދި ހުއްޓިފައިވާ މަޝްރޫޢުތައް ވެސް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މީދޫގައި ހުއްޓިފައިވާ ބައެއް މަޝްރޫޢުތައް އަލުން ފަށައިގެން ކުރިއަށްދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. މީގެ ތެރޭގައި އެރަށުގެ ބަނދަރުގެ މަސައްކަތް ވެސް ހިމެނޭ ކަމަށާއި، މި މަސައްކަތް ކުރިއަށްދާނީ ރައްޔިތުންނާއި މަސްވެރިން ބޭނުންވާ ގޮތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ދ. އަތޮޅުގެ ރަށްތަކުގެ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލެއްވުމަށާއި، ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ އަތޮޅުގެ އެކި ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، އެމީހުންގެ ކަންބޮޑުވުންތަކާއި އުންމީދުތައް އަޑުއައްސަވާފައެވެ.









