ދ. މީދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ (އ.ތ.މ) ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު މީދޫ ކައުންސިލްގެ އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި މީދޫ ކައުންސިލުން އެ ރަށުގެ ރައްޔިތުން ބޭނުންވާ ގިނަ ކަންތައްތަކެއް ރައީސްއާ ޙިއްސާކުރެއްވިއެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލައަށާއި ކުނީގެ މައްސަލައަށް ޙައްލެއް ހޯދައިދެއްވުމަށާއި، ބަނދަރު ތޮށްޖެހިފައިވާ މައްސަލައަށް ޙައްލެއް ބޭނުންވާކަމަށާއި، ބިން ހިއްކުމުގެ ސަބަބުން މޫދަށް އެރޭނެ އެކަށީގެންވާ ސަރަޙައްދެއް ނެތުމުން ހުރި ކަންބޮޑުވުންތައް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރަށުގެ ޞިއްޙީ މަރުކަޒު، ލެވެލް ހަތަރަކަށް މަތިކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި ޒުވާނުންނަށް ބޭނުންވާ ކަންކަންވެސް ތަފްޞީލީ ގޮތެއްގައި ކައުންސިލުން ރައީސްއާއި ޙިއްސާކުރެއްވިއެވެ. ހަމައެއާއެކު ކައުންސިލުން ވަނީ އަންނަން އޮތް ޖީލަށްޓަކައި ވޭޕް މަނާކުރުމަށް ސަރުކާރުން ނެންގެވި ފިޔަވަޅުތަކަށް ތަޢުރީފުކުރައްވާފައެވެ.
މީދޫ ކައުންސިލާއި އ.ތ.މ ކޮމިޓީއާ ރައީސް ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
މިއަދުގެ ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިންނާއި ރަށުގެ މުއައްސަސާތަކުގެ ވެރިން ވަނީ ސަރުކާރުން ރަށަށް ގިނަ ކަންކަން ކޮށްދެއްވާކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުންނާއި، ބައެއް ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި ރައީސް ވަނީ ރަށުގައި ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސް ވަނީ މީދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ހުޅުއްވައިދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ އަލަށް ޤާއިމުކުރި ބޭންކް އޮފް މޯލްޑިވްސް އޭޓީއެމްގެ ޚިދުމަތްވެސް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ.









