ދ. މީދޫ ޞިއްޙީ މަރުކަޒުގެ އައު އޮފީސް ޢިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ.
އެ ޢިމާރާތް ރައީސް ހުޅުވައިދެއްވީ އެމަނިކުފާނު ދ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން މީދޫއަށް ވަޑައިގެން މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އައު އޮފީސް ޢިމާރާތުގައި ޕަބްލިކް ހެލްތު ޔުނިޓަކާއި އޮފީސްތަކާއި ގަރާޖަކާއި ލޯންޑްރީ ފެސިލިޓީތަކާއި މެޑިކަލް އަދި ނޮން މެޑިކަލް ސްޓޯރޭޖް އޭރިއާގެ އިތުރުން ކޮންފަރެންސް ހޯލެއް ވަނީ ޤާއިމްކޮށްފައެވެ.
މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކަކާއި، ގައިން ގަޔަށް ނާރާ ބަލިތަކުގެ ކްލިނިކަކާއި، މާބަނޑު މީހުންގެ ކްލިނިކެއްގެ އިތުރުން ކުޑަކުދިންގެ ޞިއްޙަތު ކްލިނިކެއްވެސް އައު ޢިމާރާތުގައި ވަނީ ޤާއިމްކޮށްފައެވެ.
މީދޫ ޞިއްޙީ މަރުކަޒުގެ އައު އޮފީސް ޢިމާރާތް ހުޅުވުމުގެ ރަސްމިއްޔާތު. / ފޮޓޯ: ރައީސް އޮފީސް
މި މަސައްކަތުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މީދޫ ޞިއްޙީ މަރުކަޒުގެ އައު އޮފީސް ޢިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސަރުކާރުގެ ބައެއް އިސް ވަޒީރުންނާއި މީދޫގެ ކައުންސިލަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.









