ދ. މީދޫގައި އަލަށް ޤާއިމްކުރި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވައިފިއެވެ.
އެ ޚިދުމަތް ރައީސް އިފްތިތާޙްކޮށްދެއްވީ ދ. އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން މިއަދު މީދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ދެއްކެވި ވާހަކަފުޅުގައި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކިންގ ފަދަ ޒަރޫރީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. މި ވައުދާ އެއްގޮތަށް ކުރެވޭ މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މާލީ ލުއިފަސޭހަކަން ލިބިގެންދާނެއެވެ.
މީގެ އިތުރުން ރައީސް މިއަދު ވަނީ ދ. މާއެނބޫދޫއަށްވެސް ވަޑައިގެން، އެރަށުގައި އަލަށް ޤާއިމްކުރި އޭޓީއެމްގެ ޚިދުމަތް ވެސް އިފްތިތާޙްކޮށްދެއްވާފައެވެ.









