ދ. ބަނޑިދޫ ބަނދަރުގެ ބޭރު ތޮށި ބަދަލުކުރުމުގެ މަސައްކަތާއި ބިންހިއްކުމުގެ ޢަމަލީ މަސައްކަތް، ލަސްވެގެން އަންނަ އަހަރު ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން އިޢުލާންކުރެއްވީ، ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ބަނޑިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ބަނޑިދޫގައި މިވަގުތު އޮތް ޖާގައިގެ ދަތިކަމުގެ ސަބަބުން މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ކުރުން ނުރައްކާތެރި ބައެއް މަސައްކަތްތައް، އެހެން ސަރަޙައްދަކަށް ބަދަލުކުރަން ދަތިވެފައިވާކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ ފައިބަރު މަސައްކަތާއި، ކުނި ކޮށި ފަދަ ތަންތަން އެހެން ސަރަޙައްދަކަށް ބަދަލުކުރެވޭނޭގޮތަށް ވިސްނަވައިގެން އެ ރަށުގެ ބިން ބޭނުންކުރާ ގޮތުގެ ޕްލޭން މުރާޖަޢާ ކުރެއްވުމަށް ރަށު ކައުންސިލްގެ ފަރާތުން އެދިވަޑައިގެންފައެވެ. ކައުންސިލުން މި މަސައްކަތް ފުރިހަމަ ކުރެއްވުމާއެކު، އެ ޕްލޭންގައި ކުލަޖައްސައިދެއްވުމަށް ކަންކަން ބައްޓަން ކޮށްދެއްވުމުގެ މަސައްކަތް ފައްޓަވައިދެއްވާނޭކަމަށް ރައީސް ވިދާޅުވިއެވެ.
ބިންހިއްކުމުގެ އިތުރުން، ރަށުގެ މަސްވެރިންނާއި އޮޑިވެރިން އެދޭ ގޮތަށް، އެ ރަށު ބަނދަރުގެ ބޭރު ތޮށި ބަދަލުކޮށްދެއްވައި ޖާގަ އިތުރުކޮށްދިނުމުގެ މަސައްކަތްވެސް، ލަސްވެގެން އަންނަ އަހަރު ފައްޓަވާނޭކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ބޭކާރު ޚަރަދެއް ނޫންކަމަށާއި، ދުރު ރާސްތާއަށް ބަލާއިރުވެސް، އެ މަސައްކަތް ވެގެންދާނީ ރަށަށްޓަކައި ކުރެވޭ ބޮޑު ވުނައަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަސްވެރިކަމާއި އެ ނޫންވެސް ރަށުގެ ސިނާޢަތްތައް ކުރިއެރުވުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނޭކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން ބަނޑިދޫގެ ސްކޫލާއި ސިއްޙީ މަރުކަޒު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް މި އަހަރަށް ތާވަލުކުރެވިފައިވާ ކަމަށާއި، ޒުވާނުންގެ މަރުކަޒުގެ ފިޓްނަސް ރިކްރިއޭޝަން ސެންޓަރު ފަދަ، ކުރިން ފެށުމަށްފަހު އެކި ސަބަބުތަކާހުރެ ހުއްޓިފައި ހުރި މަސައްކަތްތައް ލަސްވެގެން މަހެއްހާ ދުވަހުގެ ތެރޭގައި އަލުން ފައްޓަވާނޭކަމަށް ރައީސް ވިދާޅުވިއެވެ.









