ދަރިވަރަކު ގްރޫމް ކުރި ކަމަށް ތުހުމަތުކުރެވޭ އަންހެން ޓީޗަރަކު ވަޒީފާއިން ވަކިކޮށްފިއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ޓީޗަރު ވަޒީފާއިން ވަކިކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން މައްސަލަ ބެލުމަށްފަހުއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދިން ގޮތުގައި، ސައުތު ޕޮލިސް ޑިވިޝަންގެ ދާއިރާގައި ހިމެނޭ ރަށެއްގެ ސްކޫލެއްގެ އަންހެން ޓީޗަރަކު، އެ ސްކޫލުގެ ގްރޭޑް 8 ގެ ފިރިހެން ދަރިވަރެއް ގްރޫމްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ މަހުގެ 21 ވަނަ ދުވަހު ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލަ ފުލުހުން ވެސް މިހާރު ދަނީ ތަޙުޤީޤުކުރަމުންނެވެ.
ފުލުހުން ބުނެފައިވަނީ ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތަކަކީ އެ ޚިދުމަތުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކަކަށްވާތީ، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހާމަނުކުރާނެ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މިފަދަ ސީރިއަސް މައްސަލަތަކުގައި ސަރުކާރުން އަވަސް ފިޔަވަޅު އަޅަމުންދާކަން ފާހަގަކުރެވެއެވެ.









