ދ. ބަނޑިދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް ރައީސް މުޙައްމަދު މުއިއްޒު މިއަދު އިފުތިތާހު ކޮށްދެއްވައިފިއެވެ. މި ޚިދުމަތް އިފުތިތާހުކޮށްދެއްވީ ރައީސް ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބަނޑިދޫއަށް މިއަދު ވަޑައިގެންނެވެ.
މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ޝަރީފް ވިދާޅުވީ މި އޭޓީއެމްއާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން އެއް އެކައުންޓުން އަނެއް އެކައުންޓަށް ފަސޭހަކަމާއެކު ފައިސާ ފޮނުވުމުގެ ޚިދުމަތް ރައްޔިތުންނަށް ލިބެން ފަށާނެކަމަށެވެ.
"މިއަދު ހުޅުވިގެން މިދަނީ ހަމައެކަނި އޭޓީއެމެއް ނޫން، ބޭންކިން ސާވިސް ރަށުގައި ތިއްބަވައިގެން ރައްޔިތުންނަށް ލިބޭ މަގު ފަހިވެގެން މިދަނީ،" ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ ރައީސް މުއިއްޒުގެ ސިޔާސަތެކެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމެވެ. މި މަޝްރޫޢުގެ ދަށުން ބަނޑިދޫގައި މި ޚިދުމަތް ފައްޓަވައި ދެއްވުމަށްފަހު، ރައީސް ވަނީ އޭޓީއެމްގެ ޚިދުމަތް ބޭނުންކުރައްވައި ފައިސާ ވެސް ނަންގަވައިފައެވެ.
އިތުރު ޚިދުމަތްތަކެއްގެ ގޮތުގައި، ކުޑަހުވަދޫގައި ހުޅުވާފައިވާ ބީއެމްއެލް ބްރާންޗުގެ މުވައްޒަފުން ބަނޑިދޫއަށް ގޮސް އެރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ގާއިމުކުރުމުގެ މަސައްކަތް ފަށައިގެން ކުރިޔަށް ގެންދަވާތީ ރައީސަށް ޝަރީފް ވަނީ ޝުކުރު އަދާކުރައްވައިފައެވެ. އަދި މި މަސައްކަތުގައި އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ވެސް ޝަރީފް ޝުކުރު އަދާކުރެއްވިއެވެ.









