ދިރާސީ އައު އަހަރުގެ ކިޔެވުން އަންނަ އޭޕްރީލް މަހުގެ 7ވަނަ ދުވަހު ފަށާ ގޮތަށް ތައުލީމީ ވުޒާރާއިން ނިންމަވައިފިއެވެ. މި ނިންމެވުމާއި އެއްގޮތަށް އެކަޑެމިކް ކަލަންޑަރުގައިވެސް ވަނީ ހިމަނާފައެވެ.
ތައުލީމީ ވުޒާރާއިން އާންމުކުރައްވާފައިވާ ކަލަންޑަރުގައިވާ ގޮތުން، މި އަހަރުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ގައެވެ. އަދި ދެވަނަ ޓާމު ފަށާނީ އޮގަސްޓު 10 ގައެވެ. މި އަހަރުގެ ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 28 ގައެވެ.
ކުރީގައި ދިރާސީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ޖެނުއަރީގައެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ސްކޫލްތައް ބަންދުވެ، ކިޔެވުމަށް އައި ބަދަލުތަކާއި ގުޅިގެން 2021 ވަނަ އަހަރު ދިރާސީ އައު އަހަރު އޮގަސްޓުގައި ފަށާ ގޮތަށް ބަދަލުކުރެވުނެވެ.
މި ބަދަލާއި ގުޅިގެން ބޮޑު ޗުއްޓީ ދިމާވީ ޖޫން-ޖުލައި މަހުގައެވެ. މިއީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރު ކަމަށްވުމުން، ދަތުރުފަތުރު ކުރުމަށް ދަތިވެ، ބެލެނިވެރިންނާއި ދަރިވަރުންނަށް ޗުއްޓީ ހޭދަކުރަން ދަތިވާކަމަށް ގިނަ ބަޔަކު ޝަކުވާ ކުރަމުން ދިޔައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިންތިޚާބީ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ދިރާސީ އަހަރު ކުރިން އޮތްގޮތަށް ބަދަލުކުރުމުލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މިގޮތުން، 2026 ވަނަ އަހަރާއި ހަމައަށް ދިރާސީ އަހަރު އަލުން ޖެނުއަރީ މަހަށް ބަދަލުކުރުމަށް ވަނީ ރޭވިފައެވެ.
މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27 އަށެވެ. އަދި އަންނަ އަހަރުގެ ބޮޑު ޗުއްޓީ އެއްކޮށް ޑިސެމްބަރުގައި ލިބޭނެކަމަށް ތައުލީމީ ވުޒާރާއިން ކުރިން ވަނީ އިއުލާނު ކޮށްފައެވެ.
މި ބަދަލުތަކަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ޝަކުވާތަކަށް އިޖާބަދިނުމުގެ ގޮތުން ގެނެވޭ ބަދަލުތަކެއް ކަމަށް ތައުލީމީ ވުޒާރާއިން ފާހަގަކުރިއެވެ.









