ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު މިހާރު ހުރި 7 އިން 5 އަށް ކުޑަކުރުމަށް ހުށަހަޅާ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. މި ބިލު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދެވެ.
ބިލުގައިވާ ގޮތުން، ފަނޑިޔާރުންގެ ޢަދަދު މަދުކުރުމުގެ ސަބަބުން ކޯޓުން ވަކިކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުންނެވެ. ގާނޫނަށް އަމަލުކުރަން ފަށާތާ 5 ދުވަހުގެ ތެރޭގައި ވަކިކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެއެވެ.
ވަކިކުރާ ފަނޑިޔާރުންގެ ނަންތައް ފޮނުވާތާ 7 ދުވަހުގެ ތެރޭގައި އެ ފަނޑިޔާރުން ވަކިކުރުމާއިމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަންޖެހެއެވެ. ފަނޑިޔާރުން ވަކިކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ.








